ޚަބަރު

އީސީގެ އައު ލޯގޯ އިފްތިތާޙްކޮށް، ރަސްމީ ކުލައަކަށް ދަނބު ކުލަ ހަމަޖައްސައިފި


އިލެކްޝަންސް ކޮމިޝަނުގެ އައު ލޯގޯ އާއި ކުލަ އިފްތިތާޙްކޮށްފިއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ލޯގޯ އާއި ކުލަ އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުންނެވެ.

އަލަށް އިފްތިތާޙްކުރި އީސީގެ ކުލައަކީ ދަނބު ކުލައެވެ. އަދި ލޯގޯގައި ރަމްޒުކޮށްދެނީ ޖިއޮގްރަފީގެ ގޮތުން ރާއްޖޭގެ އަތޮޅުތައް ބެހިފައިވާ ގޮތާއި، ދައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރު އައްޔަންކުރަނީ ވޯޓު ކަރުދާހުން ކަމަށެވެ. މި ލޯގޯގައި ހިމެނޭ ތިން ރޮނގުން ރަމްޒުކޮށްދެނީ އެކޮމިޝަނުން ބާއްވަވާ ތިން އިންތިޚާބުކަމުގައިވާ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން ލޯކަލް ކައިންސިލްތަކުގެ އިންތިޚާބެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އައު ލޯގޯއަކީ ކޮމިޝަނުގެ މަސައްކަތް ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ލޯގޯއެއްކަމަށާއި، ކޮމިޝަނުގެ ކުލައިގެ ގޮތުގައި ދަނބު ކުލަ ހަމަޖެއްސީ އެއްވެސް ޕާތީއަކުން ބޭނުން ނުކުރާ ކުލައެއް ހަމަޖެއްސުމަށްކަމަށެވެ.

"މި ލޯގޯ އަކީ ވަރަށް މާނަފުން، އަދި އަޅުގަނޑުމެންގެ މަސައްކަތް ދައްކައިދޭ ލޯގޯއެއް. އޭގެ އިތުރަށް ކުރިން އަޅުގަނޑުމެން ބޭނުްނކުރަމުްނދިޔަ ކުލައަކީ ކަންދިމާކުރި ގޮތުން އަދާލަތު ޕާޓީ ރަޖިސްޓްރީވެގެން އައިއިރު އެޕާޓީން ބޭނުންކުރަމުން އައި ކުލަ ރަސްމީކުލައަށް ފެހި ކުލަ ވެފައޮތީ. ނަމަވެސް އަޅުގަނޑުމެން މިހާރު ނިންމާފައިއޮތީ ދަނބުކުލައަށް"

އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަނުގެ ކުލައިގެ ގޮތުގައި ހަމަޖެއްސި ދަނބު ކުލަ އެއްވެސް ސިޔާސީ ޕާޓީއަކަށް ދެން ދޫނުކުރާނެ ކަމަށެވެ.