ޚަބަރު

ފޮރިންގ މިނިސްޓަރ ކޮންޒަވޭޓިވް ޕާޓީގެ ވައިސް ޗެއަރޕާސަންއާ ބައްދަލުކުރައްވައިފި


ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސި ސަރުކާރުގެ އިސްބައެއް ފަރާތްތަކާއި ސަރުކާރުހިންގާ ކޮންޒަވޭޓިވް ޕާޓީގެ ވައިސް ޗެއަރޕާސަންއާ ބައްދަލުކުރައްވައިފިއެވެ.

އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރޭޑް އެންޑް ޕޮލިސީ ޖޯޖް ހޮލިންގބެރީ އާއި ބައްދަލުކުރައްވައި ރާއްޖެއާ އިންގިރޭސިވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ދާއިރާގެ ގުޅުންތަކާއި ބެހޭގޮތުން މުހިއްމު މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުވަނީ ކޮންޒަވޭޓިވް ޕާޓީގެ ވައިސް ޗެއަރޕާސަން ހެލެން ގްރައުޓްއާ ބައްދަލުކުރައްވާފައެވެ. ވެސްޓްމިންސްޓަރ ޕެލެސްގައި ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އިންގިރޭސި ސަރުކާރުން ރާއްޖެއާމެދު ބާއްވަވާ ގާތްގުޅުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ކޮންޒަވޭޓީވް ޕާޓީގެ މެންބަރު ސަރ ޑޭވިޑް އެއިމިސް އާއި ހޯގޯ ސުވަޔަރ އާއި ބައްދަލުކުރައްވާފައެވެ.

ތިން ޤައުމަކަށް މިނިސްޓަރ ޝާހިދު ފައްޓަވާފައިވާ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ އިނގިރޭސި ވިލާތުގެ އިތުރުން ޔޫ.އޭ.އީ އާއި އެމެރިގެ އިސް އޮފިޝަލުންނާއެކު މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.