ޚަބަރު

އެކްޓިވިޓީ ޔުނީފޯމް ފަސޭހައިން ލިބޭނެގޮތް ހަދަނީ


ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެކްޓިވީޓީ ޔުނީފޯމަކީ ސްކޫލުތަކުން ވަކި ބަޔަކާ ކޮންޓްރެކްޓް ހަދައިގެން އެކި ފިހާރަތަކުން ވިއްކަމުން އަންނަ އެއްޗެކެވެ. މިގޮތަށް އެކި ސްކޫލްތަކުން ބިޑްކޮށްގެން ޔުނިފޯމްތައް ވިއްކަމުން ގެންދާ ގެންދިޔުމުގައި ބައެއް ފަހަރު ދަރިވަރުންނަށް ބޭނުންވާ ސައިޒްއާއި ޔުނިފޯމްތައް ސްކޫލް ހުޅުވަން ކައިރިވަމުންވެސް ނުލިބޭ މައްސަލަ ދަނީ ކުރިމަތިވަމުންދެއެވެ.

މިގޮތުން މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނު އިރުވެސް މިފަދަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ދަރިވަރުންނަށް ސުކޫލް އޮފިޝަލް ޔުނީފޯމްގައި ހަރަކާތްތަކުގައި ބައިވެރިވެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ދަރިވަރުންނަށް ޔުނީފޯމް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއެކު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައްވެސް ދީފައިވާކަމަށާއި، ނަމަވެސް ބައެއް ބެލެނިވެރިން ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަމުންދާތީ ބަދަލުވާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ލިބުމުގައި ދަތިތަކާ ދިމާވުން އެކަށާިގެންވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް މީގެ ތެރެއިން އައު ކީ ސްޓޭޖްގައި ހިމެނޭ ގްރޭޑް 9 ގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޓެބްލެޓްތައް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސާފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

2019 ވަނަ އަހަރުގެ ދިރާސީ އަހަރު 73000 ދަރިވަރުންނާއެކު ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.