ކުޅިވަރު

އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގެ އެއްވަނަ ޕޮލިސް ކުލަބަށް


ވެމްކޯ ބަލިކޮށް އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގެ އެއްވަނަ ޕޮލިސް ކުލަބުން ހޯދައިފިއެވެ.

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ރޭ ޕޮލިސް ކުލަބާއި ވެމްކޯ ވާދަކުރި މެޗު ޕޮލިހުން ކާމިޔާބުކުރީ ވެމްކޯއިން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންދިޔައީ ބާވީސް ފަންސަވީހުންނެވެ.
ޕޮލިހުން ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރީ ފަންސަވީސް ސަތާރަ، ފަންސަވީސް ސަތާރަ އަދި ފަންސަވީސް އެކާވީހުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދީ ޕޮލިހާއި ދެވަނަ ހޯދި ވެމްކޯއެވެ. މި މެޗުން ބަލިވާ ޓީމެއް ސެމީ ފައިނަލް ދެވަނަ މެޗުގައި ނިކުންނާނީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި ދެކޮޅަށް. އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭއެވެ.