ޚަބަރު

ޤައިދީންގެ ސިއްޙީ ކަންކަން ހަރުދަނާ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފި


ޤައިދީންގެ ސިއްޙީ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ހެލްތް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ގުޅިގެން ކުރި މަޝްވަރާތަކަކަށް ފަހު ޤައިދީންނަށް ދޭވޭ ސިއްޙީ ފަރުވާ އަވަސްކޮށް ރަނގަޅުފެންވަރެއްގެ ޚިދުމަތް ދިނުމައްޓަކައި ވެފައިވާ އެއްބަސްވެ މިއަދުވަނީ އަމަލުކުަރަން ފަށާފައެވެ.

މިކަން ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ޤައިދީންގެ މެދުގައި އަމަލުކުރާ ޤާނޫނުތަކުން ލާޒިމުކުރާ ކަންކަމާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގައިވާ ގޮތުގެ މަތިން ޤައިދީންގެ ސިއްޙީ ކަންކަމުގައި އަމަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން ޚައްސަ އިސްކަމެއްދީގެން ޤައިދީންގެ ބޭސްފަރުވާގެ ކަންކަމަށް ވޭތުވެދިޔަ ތަނުގައި ވެފައިވާ އިޙްމާލުތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ.

ޤައިދީންނަށް ފޯރުކޮށްދޭ ސިއްޚީ ފަރުވާއާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމް ވިދާޅުވީ ޤައިދީންނަށް ފަސޭހައިން ސުޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެހޮސްޕިޓަލުން ފަށާފައިވާކަމަށެވެ. އަދި ޤައިދީންނަށް ފަރުވާދިނުމަށް ވަކި އުސޫލުތަކެއްގެ ތެރެއިން މެޑިކަލް އޮފިސަރުން ޖަލަށްގޮސް ފަރުވާދޭން ފަށާފައިވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، އައި.ޖީ.އެމް.އެޗާއެކު މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ޖަލުގައި ގިނައިން ފާހަގަކުރެވޭ ހަމުގެ ބަލިފަދަ ބަލިތަކަށް ފަރުވާދިނުމަށް ޚައްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ކުރިއާ ޚިލާފަށް ޖަލުގައި ހައްޔަރުކުރެވޭ ބިދޭސީންނަށް ދިވެހިންނެކޭ އެއްފަދައިން ލިބިދޭންޖެހޭރައްކާތެރިކަމާއި ހައްޤުތައް މިހާރު ލިބެމުންދާނެކަމަށެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ މިސަރުކާރުން އެއްވެސް މީހަކަށް، ހައްގު ނޫން އަދަބެއް ނުދެނެކަމުގެ ޔަގީންކަންދެއްވާފައެވެ.