އެލައިޑް އިންޝުއަރެސްގެ މިދިޔަ އަހަރުގެ ސާފު ފައިދާ %95 އިތުރުވެފައިވާ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޙުގައިވެސް ކުންފުންޏަކުން އަހަރުދުވަހުގެ ތެރޭގައި މިހާބޮޑު ކުރިއެރުމެއް ހޯދި ފުރަތަމަ ފަހަރު ކަމަށް އެލައިޑުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަމީލް ވިދާޅުވެއްޖެއެވެ.
އެލައިޑުގެ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ހުސްވި އަހަރު އެލައިޑުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް އިއްޔެއާ ހަމައަށް ފުރުއްވި އަހުމަދު އަމީލް ވިދާޅުވީ 2018ވަނަ އަހަރަކީ އެލައިޑަށް ފާހަގަކޮށްލެވޭ އަހަރެއް ކަމަށެވެ. ފައިދާވެސް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު އިންޝުއަރެންސް ކެޕޭސިޓީ ނުވަތަ އިންޝުއަ ކުރުމުގެ ޤާބިލްކަން 140 މިލިއަން ޑޮލަރ އަރާފައިވާ ކަމަށާއި، މިއީ މި ސަރަހައްދުގައިވެސް އޮތް އިޝުއަރެންސް ކެޕޭސިޓީ އެންމެ ބޮޑު އެއް ކުންފުނި ކަމަށް އަމީލް ވިދާޅުވިއެވެ. އަމީލް ވިދާޅުވީ 2018ވަނަ އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 130 މިލިއަން ޑޮލަރ ކަސްޓަމަރުންނަށް ދީފައިކަމަށެވެ.
އެލައިޑް އިންޝުއަރެންސުން މިއަހަރުތެރޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާޒް ވިދާޅުވީ، މިއަހަރުގެ ތެރޭގައިި ތަފާތު އިންޝުއަރެންސް ޕޮލިސީތައް ތައާރަފްކުރުމަށް ރާވާފައިވާ ކަމަށެވެ.
ރޭގެ ހަފްލާގައި އެލައިޑުން ވަނީ، އިންޝުއަރެންސްގެ އާ ޕޮލިސީތަކެއް ތައާރަފްކޮށްފައެވެ. އޭގެތެރޭގައި ބޯޓު އިންޝުއަރެންސްގެ އާ ޕޮލިސީތަކެއްގެ އިތުރުން އުރީދޫ އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ތައާރަފްކުރި ލައިފް އިންޝުރެންސްގެ ހިދުމަތް ހިމެނެއެވެ. އެލައިޑުންބުނީ އުރީދޫއާއި ގުޅިގެން ކުރިމަގުގައި އެކުންފުނީގެ ޕޯސްޓްޕެއިޑު ކަސްޓަމަރުންނަށްވެސް މި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.
ރޭގެ ހަފްލާގައިވަނީ އެލައިޑް އިންޝުއަރެންސްގައި 24 އަހަރު މަސައްކަތްކޮށްފައިވާ އަދި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި އެންމެފަހުން ހުންނެވި އަޙުމަދު އަމީލް ކުންފުންޏަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އަރުވާފައެވެ.
އެލައިޑަކީ ރާއްޖެއަށް ފުރަތަމަ ފަހަރަށް އިންޝުއަރެންސްގެ ޚިދުމަތް ތައާރަފްކުރި ކުންފުންޏެވެ. އަދި އެލައިޑަކީ ރާއްޖޭގައި މިހާރުއޮތް އިންޝުއަރެންސް ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ.