ޚަބަރު

ފިޔަވަޅު އެޅި 78 ކައުންސިލަރުންގެ އަދަބު ލުއިކޮށް، މުސާރަ އިޔާދަކުރަނީ


ލޯކަލް ކައުންސިލްތަކުގެ ހިނގަމުންމިދާ ދައުރުގައި ފިޔަވަޅު އަޅާފައިވާ ކައުންސިލަރުންގެ އަދަބުލުއިކޮށް، 78 ކައުންސިލަރެއްގެ މުސާރަ އިޔާދަކުރުމަށް ލޯކަލްގަވަރމެންޓް އޮތޯރިޓީން ނިންމައިފިއެވެ.

ކައުންސިލަރުންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އެފަރާތްތަކުންގެ ހައްޤުތައް އިޔާދަކުރުމަށް ލޯކަލްގަވަރމަންޓް އޮޓޯރިޓީން ނިންމާފައިވަނީ ގިނަ ފަރާތްތަކުން އެނިންމުންތައް އިޔާދަކޮށްދިނުމަށް އެދުމުންދިއުމާއެކުއެވެ. އެގޮތުން އެލްޖީއޭގެ ބޯޑުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމެޓީއެއް އުފައްދާފައެވެ. އެކޮމެޓީން ހުށަހެޅިފައިވާ ކޮންމެ މައްސަލައެއް ވަނީ ވަކިވަކިން ދިރާސާކޮށްފައެވެ.

އެލްޖީއޭއިން ބުނީ ކުރީގެ ސަރުކާރުން ފިޔަވަޅުއެޅި 78 ކައުންސިލަރެއްގެ ތެރެއިން 40 ކައުންސިލަރެއްގެ މައްސަލަ މުޅިން ބާތިލުކޮށް، 37 ކައުންސިލަރަކަށް އެޅި ފިޔަވަޅުތައް މިހާރު ލުއިކޮށްދީފައިވާ ކަމަށެވެ. މިއީ ތިން މަސް ދުވަސް ނުވަތަ އެއް މަސްދުވަހުގެ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކުރި ކައުންސިލަރުންނަމަވެސް މިހާރުވަނީ 77 ކައުންސިލަރެއްގެ މުސާރަ އިޔާދަކުރަން ނިންމާފައެެވެ. އަދި އެއް ކައުންސިލަރެއްގެ 3 މަސްދުވަހުގެ މުސާރައިގެ ތެރެއިން ދެމަސްދުވަހުގެ މުސާރަ ދިނުމަށްވެސް އެލް.ޖީ.އޭގެ ކޮމެޓީން ވަނީ ނިންމާފައެވެ.

ކައުންސިލަރުންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އެފަރާތްތަކުގެ ހައްޤުތައް އިޔާދަކުރުމަށް ލޯކަލްގަވަރމަންޓް އޮޓޯރިޓީން ނިންމާފައިވާއިރު، ހިގަމުންމިދާ ލޯކަލް ކައުންސިލްތަކުގެ 3 ވަނަ ދައުރުގައި ބައެއް މައްސަލަތަކުގައި ވަކި ވަކި ކައުންސިލަރުންނާއި، 3 ކައުންސިލަރުން ވެސް އެއްކޮށް ސަސްޕެންޑުކޮށް ކައުންސިލް ހިންގުން ޒިންމާދާރު ވެރިޔާއާ ވެސް ހަވާލުކޮށްފައިވެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް ލުއިކުރަން ނިންމި ނިންމުން ފާހަގަކުރައްވައި، މިއީ ރައީސް ސާލިޙްގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމަށް އިސްކަންދޭ ކަމުގެ ހެއްކެއްކަން ފާހަގަކުރައްވާފައެވެ. ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިިން މިހާރުވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ސިޓީކައުންސިލްތަކުގެ ބާރުތައް އަނބުރާ އެކައުންސިލްތަކަށް ދެއްވާފައެވެ.