ވިޔަފާރި

ފަހު ކުއާޓަރގައި ބީއެމްއެލްގެ ފައިދާ 277 މިލިއަން ރުފިޔާއަށް


މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި 277 މިލިއަން ރުފިޔާގެ ފައިދާއެއް ބޭންކް އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ. މިއީ އޭގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ ހަތަރުވަނަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން އެ ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިންގުމުގެ ޚަރަދު އިތުރުވުމާއި، އަލަށް ބޭނުންކުރަން ފަށާފައިވާ އެކައުންޓިންގ ސްޓޭންޑަރޑް، އައިއެފްއާރުއެސް ގެ ދަށުން ލޯން ޕްރޮވިޝަންގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރު އިތުރުވެފައިވުމާއި އަހަރެންގެ ބޭންކް ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ އިރުވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދިފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރުވެސް އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ދެހާސް އަށާރަވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން އެ ބޭންކު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްއިން ދަމަހައްޓަމުންދާ ކާމިޔާބީ މިދިޔަ އަހަރުވެސް ހޯދިގެން ދިޔައީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ އެ ބޭންކުގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށެވެ.

އައިޝަތު ވިދާޅުވީ ކުރިމަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެކަމަށާއި އެހެންކަމުން ކުރިއަށްއޮތް ތާނގައިވެސް ބޭންކުން އިންޓަރނެޓް މޮބައިލް އަދި ސެލްފް ސަރވިސް ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަންގެނެސް އިތުރު ފުރުސަތުތަކެއް ދިނުމަށްވެސް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

ބީއެމްއެލުންދަނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.