ޚަބަރު

ކޮރަޕްޝަން މައްސަލަތައް ބަލާ ކޮމިޝަނަށް ފަންނީ މުވައްޒަފުން ހޯދަނީ


ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މަޤާމާއި ހަވާލުވެވަޑައިގެން އުފެއްދެވި މި ކޮމިޝަނުގެ ހަތަރު މަޤާމަކަށް މީހުން ހޯދުމަށްވަނީ ޢިއުލާންކޮށްފައެވެ. އެގޮތުން ކޮމިޝަނުން ކުރާ ތަޙުޤީޤުތަކުގައި އެހީތެރިވެދިނުމަށް، ސީނިއަރ އިންވެސްޓިގޭޓަރަކާއި ފޮރެންސިކް ދެ އެކައުންޓެންޓަކާއި ކޮމިޝަނުން ކުރާ ތަޙުޤީޤުތަކުގައި ޤާނޫނީ އަދި އިދާރީ އެހީތެރިކަން ދޭނެ ފަރާތެއް ހޯދަން ވަނީ އިޢުލާންކޮށްފައެވެ. އަދި ޕެރަލީގަލް ދެ އޮފިސަރަކާއި ކޮމިޝަނުގެ އިދާރީ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް އެސިސްޓެންޓް ޑިރެކްޓަރަކާއި، ކޮމިޝަނުގެ އިދާރީ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެދިނުމަށް ސީނިއަރ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އިއުލާންކޮށްފައެވެ.

މި މަޤާމުތަކުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައިގެ ގޮތުގައި ސައްބީސް ހާހާއި، ތޭރަ ހާހާއި ދެމެދުގެ އަދަދެއްގެ މުސާރަވަނީ ކަނޑައަޅާފައެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ފަންނީ އަދި އިދާރީ މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާއިރު، ފަސް މެންބަރުން ހިމެނޭ އެކޮމިޝަނުގެ މެންބަރުންނަށް މުސާރައިގެ ބަދަލުގައި ދެއްވާނީ މަސައްކަތްކުރާ ދުވަސްތަކަށް އެލަވަންސެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.