ޚަބަރު

ޚިޔާނާތުގެ މައްސަލާގައި ވަކީލަކު އައްޔަން ކުރުމަށް, އަދީބަށް 10 ދުވަސް ދީފި


އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅިގެން ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށްއަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތަށް ވަކީލަކު ހަމަޖައްސަން އޭނާއަށް 10 ދުވަހުގެ މުހުލަތެއް ކޯޓުންދެއްވައިފިއެވެ.

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީސީން ކުރެއްދޫ ހޯލްޑިންއަށް ޅ.މާބިންހުރާ ކުއްޔަށްދިން ފައިސާ އަދީބުގެ ޢާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއިލްގެ ޙިއްސާވާ އަދި ކުރިން އަދީބްވެސް މަސައްކަތްކުރެއްވި ކުންފުންޏެއްކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި މައްސަލައިގައެވެ.

މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ އިސްތިއުނާފް އަޑުއެހުމުގައި އަދީބު ވަނީ އޭނާގެ ވަކީލް މިމައްސަލައިން ތަނާޒުލްވުމުން، އިތުރު ފުރުޞަތަކަށް އެދިވަޑައިގެންފައެވެ. އެއާއެކު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އަދީބަށް 10 ދުވަސް ދެއްވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލައްވާފައެވެ.

ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ބޭއްވި އަޑު އެހުމުގައިވެސް ވަކީލަކު ހަމަޖައްސަން އަދީބަށް ވަނީ 10 ދުވަސް ދެއްވާފައެވެ.