ޚަބަރު

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށްދީފި


ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށް ސެޓިފެކެޓް ޙަވާލުކޮށްފިއެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށްދިންކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ކޮންގްރެސް ޕާޓީ ރަޖިސްޓްރީކޮށްދިންކަމުގެ ލިޔުން މިހާރު ވަނީ އެޕާޓީއާ ހަވާލުކޮށްފައެވެ.

މިޕާޓީ ރަޖިސްޓްރީ ކޮށްދީފައި މިވަނީ އީސީގެ މެމްބަރުން އެޕާޓީ ރަޖިސްޓްރީކޮށްދިނުމަށް ހުރަސް އަޅާކަމަށް ބުނެ އީސީގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ހުރަސްއަޅާ ކަމަށް ބުނެ އެޕާޓީގެ އިސް ފަރާތްތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމާ ވެސް ބައްދަލުކޮށްފައެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށާއި ޕާޓީ އުފައްދަން ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައެވެ.

މިދަނޑިވަޅުގައި ދާދީ ފަހުން އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް އިސްލާހް ގެނެސްފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެހެން ޕާޓީއެއްގެ ވަސީލަތްތައް ބޭނުންކުރާނަމަ ޕާޓީ އުފައްދަން ދިން ހުއްދަ ބާޠިލް ކުރެވޭ ގޮތައް ގަވާއިދުވަނީ އެކުލަވާލާފައެވެ.

ކޮންގްރެސް ޕާޓީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ އެޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވާފައެވެ. އެ ޖަލްސާގައި ޕާޓީގެ ނަމާއި، ޕާޓީގެ ލޯގޯއާއި، ދިދައިގެ އިތުރުން ޕާޓީގެ ކުލައިގެ ގޮތުގައި ވިލު ނޫކުލަ ވަނީ ފާސްކޮށްފައެވެ. އަދި އެޕާޓީގެ އަސާސީ ޤަވާއިދާއި އަސާސީގަވައިދުގައި ހިމެނޭ ޕާޓީ ޕްލެޓް ފޯމް ނުވަތަ މެނިފެސްޓޯވެސް ފާސްކޮށްފައެވެ. އަދި ޕާޓީގެ ވަގުތީ ރައީސްއަކަށް އެޕާޓީގެ މުއައްސިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އައްޔަން ކޮށްފައެވެ.

އެ ޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީއަށްވެސް މެންބަރުން އިންތިޚާބުކޮށްފައެވެ. އެގޮތުން ކުރީގެ އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ ނާއިބު ރައީސުންގެ ގޮތުގައި އިންތިޚާބުކޮށްފައެވެ. އަދި ކުރިން ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި، ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ މަޤާމްތަކަށް އިންތިޚާބުކޮށްފައެވެ.

މީގެ އިތުރުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި މުޙައްމަދު ތޮލާލް ވަނީ ހަމަޖައްސަވާފައެވެ. އެމަޤާމަށް ތޮލާލް ހަމަޖައްސާފައި ވަނީ ރޭގެ ވަގުތެއްގައެވެ.