ޚަބަރު

ޤާނޫނީ ވަކީލުންނަކީ މިނިވަން ބަޔަކަށް ހެދުމަށް މުސްތަޤިއްލު ވަކި ކައުންސިލެއް އޮތުން މުހިންމު- އުއްތަމަ ފަނޑިޔާރު


ޤާނޫނީ ވަކީލުންނަކީ މިނިވަން ބަޔަކަށް ވާންޖެހޭއިރު އެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މުސްތަޤިއްލު ވަކި ކައުންސިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލުންނަށް ހުވާ ލައިދިނުމަށް ސުޕްރީމް ކޯޓުގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވަކީލުންގެ ކަންކަން ބަލަހައްޓާނެ ކައުންސިލެއް އުފެއްދޭނެ ކަމުގެ އުންމީދު މިހާރު އާވެއްޖެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޑރ.ޢަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ވަކީލުންގެ ކަންކަން ބެލެހެއްޓުން ސުޕްރީމް ކޯޓުގެ ރޫލިންގް އަކުން ކުރާ ކަމެއްގެ ގޮތުގައި މިހާރު ހަމަޖައްސާފައިވަނީ ޤާނޫނަކުން އުފައްދާ މިނިވަން ބާ އެސޯސިއޭޝަނެއް ޤާއިމް ކުރެވެންދެން ކަމަށެވެ. އެހެންކަމުން މުސްތަގިއްލު ބާ ކައުންސިލެއް އުފެދި އެ ދާއިރާ އިތުރަށް ތަރައްޤީވެ ހަރުދަނާ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ވަކީލުންގެ ޚިދުމަތް ރަނގަޅަށް ދެވޭނީ އެދާއިރާ މިނިވަން މުސްތަޤިއްލު ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އެފަދަ ބާ ކައުންސިލެއް ދާދި އަވަސް މުސްތަގުބަލެއްގައި މާތް ﷲ ގެ ވާގިފުޅާއެކު އުފެދިގެންދާނެ ކަމުގެ އުންމީދު އާލާވެފައި ވާކަން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ޤާނޫނީ ވަކީލު ކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއް ލިބިފައިވާއިރު އަލަށް ހުވާ ކުރެއްވި ވަކީލުން އަޅުއްވާ ފިޔަވަޅު ވާން ޖެހޭނީ ކާމިޔާބު ޕްރޮފެޝަނަލް ކެރިއަރަކާއެކު އިޚްލާސްތެރި ޤައުމީ ޚިދުމަތެއްގެ މިސްރާބުގައި އަޅުއްވާ ފިޔަވަޅަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

"މިހާރު މި ހިދުމަތުގައި އުޅުއްވާ ބޭފުޅުންނާއި އެ ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންގެވެސް އެންމެ އިސް ވާޖިބެއް ގޮތުގައި ދެކިވަޑައިގަންނަވަން ޖެހޭ ކަމަކީ ތެދުވެރިކަމާ ޒިންމާ ދާރު ކަމާއެކު ހިދުމަތް ކުރެއްވުން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ހުރުމަތާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ޤާނޫނީ ވަކީލުންގެ ދައުރަކީ ވަރަށްވެސް މުހިންމު ދައުރެއް ކަމަށާއި ޤާނޫނުގެ ހުކުމް ދަމަހައްޓައި އަދުލު އިންސާފަށް ވާސިލްވުމަށް ފަސޭހަކޮށް ކަށަވަރު ކުރުމަށްޓަކައި ވަކީލުންގެ މަސައްކަތަކީ ޟަރޫރީި މަސައްކަތެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

"މިކަންކަން ރަނގަޅަށް ކުރެވޭނީ ވަކީލުންގެ ދާއިރާ މިނިވަން މުސްތަގިއްލު ޕްރޮފެޝަނަކަށްވެގެން. ހަރުދަނާ ސުލޫކީ އަދި އަޚްލާގީ މިންގަނޑެއްގެ މަތީގައި ސާބިތުވެގެން. އާންމު ރައްޔިތުންނާއި މަދަނީ މުޖުތަމައު އިތުބާރު ލިބިފައި އޮތް ޕްރޮފެޝަނަކަށް ވެގެން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން އިސްލާމީ ޝަރީއަތަށާއި ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް މުހިންމު އަސާސްތައް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މުޅިން އަލަށް ގާނޫނީ ވަކީލްކަމުގެ ހުވާ ކުރެއްވި 104 ފަރާތަކަށް ހުވާ ލައިދީ، އެފާރްތަތަކަށް ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދިން ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.