ވިޔަފާރި

ފަހު ކުއާޓަރުގައި އެމްޓީސީސީން 26 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވޭ


މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީން 26 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ މިދިޔައަހަރުގެ ފަހު ކުއަރޓަރގެ މާލީހިސާބުތައް ދައްކައިދޭ ރިޕޯޓުގައި ބުނެފައިވަނީ ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި ކުރިއަށްގެންދިޔަ 26 ޕަރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ވަނީ ނިންމާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ށ. ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތާއި، ނ. ފޮއްދޫ ޖެޓީގެ މަސައްކަތާއި، ގއ. ދާންދޫ ފުޓް ބޯޅަ ސްޓޭޑިއަމަށް ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން ހދ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ، ޓެކްސީ ވޭ، އަދި އޭޕްރޭން ހެދުމުގެ މަސައްކަތެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހދ. ކުޅުދުއްފުށީ ބަދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވިގެން ދިޔައެވެ. އަދި އެ ކުއަރޓަރުގައި ދެ ޕްރޮޖެކްޓެއްގެ މަސަކަތްކަތް އަލަށް ފަށާފައިވާކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެތެރޭގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ ތެރޭގައި ކ. ތިލަފުށީ، ގދ. ފަރެސް މާތޮޑާ އަދި ހއ. މާފިނޮޅުގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަދި އެ ކުއަރޓަރގައި ކ. ހުރާ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާ އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތް އެ އެކުއާޓަރުގެ ތެރޭގައި ނިންމާލެވިފައިވާ ކަމަށް އެމްއެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި 2017ވަނަ އަހަރުގެތެރޭ ވަނީ ބިން ހިއްކާ ޑްރެޖަރއެއް ރާއްޖެ ގެނެސްފައެވެ. މަހާ ޖައްރާފުގެ ނަން ދީފައިވާ މި ޑްރެޖަރަކީ އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ ޑްރެޖަރެއްކަމަށް އެމްޓީސީސީން ބުނެއެވެ.