ޚަބަރު

ރައީސް ޞާލިޙްގެ ލަންކާއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ޞާލިޙު ލަންކާއަށް ވަޑައިގެންފައި މިވަނީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް އެ ޤައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ދެއްވި ދަޢުވަތަކަށެވެ.

މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ރައީސް ޞާލިޙު ބައްދަލުކުރައްވާނެއެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަަމޖެހިފައެވެ. ރައީސްގެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ރައީސް ބާއްވަވާ ރަސްމީ މަރުހަބާ ދެންނެވުމުގެ ހަފުލާގެ އިތުރުން ސްރީލަންކާގެ ރައީސް ދެއްވާ ރަސްމީ ޖާފަތެއްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޞާލިޙް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ.