ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ %14 އިތުރުވެއްޖެ


އާމްދަނީ އިތުރުވެ، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ %14 އިތުރުވެއްޖެއެވެ.
ދިރާގުން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ މާލީހިސާބުތައް ދައްކާގޮތުން އެ ކުއާޓަރގައި އެކުންފުންޏަށްވަނީ އާމްދަނީގެ ގޮތުގައި 704 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 658 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު %7 އިތުރު އަދަދެކެވެ.
ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެން އެ ކުއަރޓަރުގެ ފައިދާގެ ގޮތުގައި ދިރާގަށް 231 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ ހުސްވި އަހަރުގެ ތިންވަނަ ކުއަރޓަގައި ފައިދާގެ ގޮތުގައި ލިބުނު 203 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %14 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހު ދިރާގުގެ ޙިދުމަތަށް ވަނީ 30 އަހަރު ފުރިފައެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޙިދުމަތް ފޯރުކޮށްދޭންފެށި ކުންފުންޏެވެ. ދިރާގުގެ %52 ހިއްސާދާރަކީ ބަހްރެއިންގެ ބީޓީސީ އައިލެންޑްސް ލިމިޓެޑެވެ. ދިރާގްގައި ދިވެހި ސަރުކާރުގެ %41.8 ހިއްސާއޮންނައިރު، ބާކީ %6.2 ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ.