ޚަބަރު

އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް ކްރިމިނަލް ކޯޓަށް ދެ ގާޟީއަކު ބަދަލުކޮށްފި


ކްރިމިނަލް ކޯޓުގެ ޤާޟީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް، ސިވިލް ކޯޓާއި ފެމެލީ ކޯޓުން ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ބަދަލުކޮށްފިއެވެ.

މިއަދު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބައްދަލުވުމެއްގައި ވަނީ ސިވިލް ކޯޓުގެ ގާޟީއަކަށް ހުންނެވި ހުސެއިން ފާއިޒް ރަޝާދާއި ޑްރަގް ކޯޓުގެ ޤާޟީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ނިންމާފައެވެ. ކްރިމިނަލް ކޯޓުގެ ޤާޟީ އާދަމް އާރިފު ޑްރަގްކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން އެގޮތަށް ހުށަހަޅާފައިވުމުގެ ސަބަބުން ކަމަށް ޖޭ.އެސް.ސީން ވިދާޅުވިއެވެ.

ބައެއް ކޯޓުތަކުގެ ޤާޟީން ބަދަލުކޮށްފައިވާއިރު، ކްރިމިނަލްކޯޓުގެ ޤާޟީގެ ގޮތުގައި ހުންނެވި އާދަމް އާރިފަކީ ޕްރޮސިކިއުޓަރ ޖެނަރަލް، ޕީޖީ އޮފީހުގައި އިސް ވަކީލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތުކުރެއްވި ބޭފުޅެކެވެ. އަދި އާދަމް އާރިފް ވަނީ ކުޑަދުވަސް ކޮޅެއްވަންދެން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގަވާފައެވެ.