ޚަބަރު

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު މިމަހު ލިބޭނެ - ރައީސް


ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭކެޔެވޭނެގޮތް މިމަސް ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެއަށް ތަރައްޤީ ގެނައުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް މި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ތިބެގެން ދިވެހި ޒުވާނުންނަށް ފުރަތަމަ ޑިގްރީއާހަމައަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"
"ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް މިމަސް ނިމުމުގެ ކުރިން ހަމަޖެހޭނެ."
ރައީސުލްޖުމްހޫރިއްޔާ

ފުރަތަމަ ޑިގްރީއާ ހަމައަށް ރާއްޖޭގައި ތިބެގެން ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ސަރުކާރުގެ ކޮލެޖް ޔުނިވަރސިޓީތަކުގެ އިތުރުން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން އަމިއްލަ ކޮލެޖްތަކުގައިވެސް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އަދި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކެމްޕަސްތަކުގައިވެސް މިފުރުޞަތު ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ވަޢުދު ފުއްދުމަށްޓަކައި މި އަހަރުގެ ބަޖެޓްގައި 100 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.