ޚަބަރު

ސަޢޫދީގައި ދިވެހި ކޮންސިއުލޭޓަކާއި ތިން ޤައުމެއްގައި ދިވެހި އެމްބަސީ ޤާއިމް ކުރާނަން - ރައީސް


ބޭރުގެ ތިން ޤައުމެއްގައި މުޅިން އަލަށް ދިވެހި ތިން އެމްބަސީއަކާއި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާއި ހަވާލުވެ ވަޑައިގެންނެވިއިރު ބައިނަލްއަޤްވާމީ ދުނިޔެއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް ބޭރު ދުނިޔޭގެ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރަން މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ޤައުމަކަށް، ވަރަށް މުހިންމު ކަމެއް. އެގޮތުން، ދެކުނު އެފްރިކާގަޔާއި އެމެރިކާގެ ވޮޝިންޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ ވަރަށް ބޮޑަށް އެކަހެރިވެ ބާކީކުރެވިފައި ނަމަވެސް، ޚާރިޖީ ސިޔާސަތުތަކަށް މި ސަރުކާރުން ގެނައި ބަދަލާއެކު، މިހާރު ރާއްޖެއަށް ބައިނަލްއަޤްވާމީ ޢާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ކޮމަންވެލްތާ ގުޅުން ކަނޑާލުމުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެގުޅުން އަލުން ބަދަހިކުރުމަށް ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު އެ ޖަމާޢަތަށް ހުށަހަޅާފައިވާ ކަމަށާއި އެ ނޫނަސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ބައިވެރިންނާއެކުވެސް، ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިޤްތިޞާދާއި ތަޢުލީމީ ކުރިއެރުމުގައި، ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ، އެ ޖަމާޢަތަށް ހުށަހަޅާފައި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ބައިވެރިންނާއެކުވެސް، ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ދެއްވެވި ރިޔާސީ ބަޔާނުގައި ވަނީ ބޭރުގައި ދިރިއުޅޭ ދިވެހީންނަށާއި ކިޔަވާކުދިންނަށް، ޚާއްޞަކޮށް ކޮންސިއުލަރ ޚިދުމަތްތައް، މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށާއި ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ޤައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކުރައްވާ ވިލާތުގެ ޤައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ.