ސިޔާސީ

މިނިސްޓަރ ދެއްކެވި ވާހަކަ ފަތުރަނީ ސިޔާސީ މަންފާ ހޯދުމަށް - ޑިފެންސް


ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު މާރިޔާ އިންޑިއާގެ ނިއުސް ޗެނަލަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ކަމުގައިވިޔަސް ދެ ޤައުމު އަބަދުވެސް އެއް ޤައުމު އަނެއް ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރާނެ ވާހަކަ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް، އެކަމަނާ ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ފަތުރަމުންދާ ޚަބަރުތަކަކީ ޤައުމުގެ ސުލްޙަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް ފަތުރާ ޚަބަރެއް ކަމަށް ޑިފެންސް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ނޫސް ބަޔާނުގައި ބުނެފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ދިފާއުކޮށް ދެމެއްހެއްޓުމުގައި ސާބިތުކަމާ ޔަޤީންކަމާއެކު މިނިސްޓަރު މާރިޔާ ހުންނެވިކަމަށެވެ.