ޚަބަރު

ޓެރަރިޒަމާއި ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ޔޫރަޕްގެ އިއްތިހާދުން އެހީވަނީ


ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް ޔޫރަޕްގެ އިއްތިޙާދުން ބުނެފިއެވެ.

ޔޫރަޕްގެ އިއްތިޙާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުންގް ލައި މާގް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ ވިދާޅުވީ ދިވެހިރާއްޖޭގެ ދައުލަތުގެ އިދާރާތައް ހަރުދަނާކުރުމަށާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގަޔާއި އަދި ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ އިއްތިޙާދުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެފައެވެ. ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ޔޫރަޕްގެ އިއްތިޙާދާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، އެއިއްތިޙާދާއިއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޝެންގެން ވިސާ ހޯދުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ޔޫރަޕްގެ އިއްތިޙާދުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަފީރުގެ އަރިހުން މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

މީގެ އިތުރުން "މޯލްޑިވްސް – އީޔޫ ޕޮލިސީ ޑައިލޮގް" އަށް ވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ޕޮލިސީ ޑައިލޮގްގެ ސަބަބުން ރާއްޖެއާއި ޔޫރަޕްގެ އިއްތިޙާދާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން މިހާރުގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައިސް ޞާލިޙު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައިވެސް ވަނީ މިކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިން އާއްމުކޮށް ދަތުރުކޮށްއުޅޭ ގައުމުތަކަށް ފަސޭހަކަމާއިއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން މަސަައްކަތްކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޔޫރަޕްގެ ޤައުމުތަކުން ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.