ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސްގެ ފަރާތުން 6 ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބާއްވަނީ


ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ 6 ދާއިރާއެއްގެ ޕްރައިމަރީ މާދަމާ ބާއްވަން އެކޯލިޝަނުން ނިންމައިފިއެވެ.

މާދަމާ ހަވީރު 3:00އިން 6:00އަށް ކުރިއަށްގެންދާ މި ޕްރައިމަރީ ބާއްވަނީ މަކުނުދޫ ދާއިރާ، އަލިފުށި ދާއިރާ، ތުލުސްދޫ ދާއިރާ، ފެލިދޫ ދާއިރާ، މ. މުލަކު ދާއިރާ އަދި ކިނބިދޫ ދާއިރާއިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށެވެ. ޖުމްލަ 19 ކެނޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގައި ވ. ތިނަދޫ ފިޔަވައި އެހެން ހުރިހާރަށެއްގައި ވޯޓުލުން ކުރިއަށްގެންދާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސްއިން މައުލޫމާތުދެއެވެ.

ޕީ.ޕީއެމް ޕަރައިމަރީގައި މީގެ ކުރިން ނޮޅިވަރަމް ދާއިރާއާއި ފުވައްމުލަކު އުތުރު ދާއިރާގެ ކެނޑިޑޭޓެއް ހޮވުމަށް ވޯޓުލުން ބާއްވަން ހިމަނާފައިވީ ނަމަވެސް އެ ދެދާއިރާގެ ވޯޓުލުން މާދަމާ ނުބާއްވާނެކަން އެކޯލިޝަނުން ވަނީ އަންގާފައެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ވޯޓް ދިނުމުގެ ފުރުސަތު ދެ ޕާޓީގެ މެމްބަރުންނަށްވެސް ހުޅުވާލާފައިވާއިރު، ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާލޭގައި ހުންނަ އެޕާޓީގެ އޮފީހާއި ޕްރައިމަރީ ބާއްވަން ކަނޑައަޅާފައިވާ ދާއިރާގެ ރަށްތަކުގައި ކަމަށް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލައި 63 މީހަކަށް މަޖިލިސް އިންތިޚާބުގެ ޓިކެޓް ދީފައެވެ.