ޚަބަރު

އެމްޑީޕީނޫން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ރައީސް ޞާލިޙް ތާއީދު ނުކުރައްވާނެ - ރައީސް ނަޝީދު


އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވާ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތާއީދު ނުކުރައްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ހަރަކާތްތައް ފެށުމަށް އެޖެންޑާ ނަވާރައިގެ ނަމުގައި މާލޭ ސިޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޯސްޓަރު ހަރުކުރުމުގެ ޙަރަކާތް ފައްޓަވައިދެއްވުމުގެ ކުރިން އެމްޑީޕީ ހަރުގޭގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އެހެން ޕާޓީތަކުން ވާދަކުރާ ފަރާތްތަކަށް ރައީސް ޞާލިޙް ތާއީދު ކުރައްވާނޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތައް ކަމަށެވެ.

''ރައީސް ޞާލިހެއްވެސް އަޅުގަނޑެއްވެސް ނޭދޭނެ އެމްޑީޕީ ކެންޑިޑޭޓް ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް. އެނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަތަކަކީ ބާތިލް ދޮގު ވާހަކަ. ރައީސް ޞާލިޙް މި ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ.'' ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕާޓީގެ މެމްބަރުންނާއި އެހެން ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންވެސް އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދީގެން ކަމަށެވެ.

''މިއަދު އެމްޑީޕީގެ މެމްބަރުން ކުރައްވަންވީ ކަމަކީ ޕާޓީގެ ޓިކެޓް ލިބިފައިވާ ޕާޓީގެ ކެނޑިޑޭޓަށް ވޯޓް ދެއްވުން." އެމްޑީޕީ ނޫނަސް އެހެން ޕާޓީ ތަކުގެ މީހުންވެސް އެމްޑީޕީ ކެނޑިޑޭޓުންނަށް ވޯޓް ދޭން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙާއި ގުޅާ ގޮތުން ނުވަތަ އެމަނިކުފާނު ވިދާޅުވި ކަމަށް ބުނެ ވާހަކަ ދެއްކުން އެއްމެ އައުލާކަން ބޮޑު ފަރާތަކީ އެމަނިކުފާނު ކަމަށާއި، ސިޔާސީ ބައެއް ފަރާތްތަކުން ވާހަކަ ފަތުރާ ގޮތަށް ރައީސްގެ ބަސްފުޅު ނުހުންނާނެ ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅަން ހަމަޖެހިފައިވާ އިސްލާހާ ގުޅޭގޮތުން ކުރީގެ ނާއިބު ރައީސް ޖަމީލް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ އިސްލާހަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.

''ވިދާޅުވެ ދެއްވަބައްލަވާ ދެން މިއަށް ވުރެ ރަނގަޅު ގޮތެއް. އަޅުގަނޑުމެން މިދަންނަވަނީ މިދިޔަ ބާރަ ފަނަރަ އަހަރު މިޕާޓީއަށް ލިބިފައިވާ ތަޖުރިބާއާއި އަޅުގަނޑމުންނަށް ފެނިފައިވާ ތަނާއި ކުރެވިފައިވާ ލިބިފައިވާ ކިތަންމެ ފިލާވަޅެއްގެ މައްޗަށް ބިނާކޮށް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްވެވި ރިޔާސީ ބަޔާނުގައިވާ އުއްމީދުން ފުރިގެންވާ ކަންކަން ހަޤީޤަތަކަށް ހެދޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތަނަވަސް އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަށް ވާދަކުރަން ނިންމާ އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ފޯމްތައް އެ ފަރާތްތަކާއެކު ގޮސް އިލެކްޝަން ކޮމިޝަނަށް ވަނީ ހަވާލުކޮށްފައެވެ.