ޚަބަރު

މަޖިލީހިގެ ހަތަރު ދާއިރާއަކަށް ވާދަކުރަން ޑީއާރުޕީން ނިންމައިފި


ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާއެކު ކޯލިޝަން ހެދުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަތަރު ދާއިރާއަކަށް ވާދަކުރަން ދިވެހި ރައްޔިތުންގެ ޕާޓީ ޑީއާރުޕީން ނިންމައިފިއެވެ.

ޑީއާރުޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަތަރު ދާއީރާއަކަށް ވާދަކުރަން އެ ޕާޓީގެ ކައުންސިލު ބައްދަލުވުމަކުން ނިންމާފައިވާ ކަމަށެވެ.

ޑީއާރްޕީން ބުނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނީ މާލޭ ސިޓީގެ ތިން ދާއިރާއެއްގެ އިތުރުން ކާށިދޫ ދާއިރާއަށް ކަމަށެވެ. އެގޮތުން ކާށިދޫ ދާއިރާއަށް އެޕާޓީގެ ލީޑަރު މުޙައްމަދު ނަޝީދު ވާދަކުރައްވާއިރު ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވީން ސަލީމް، ގަލޮޅު އުތުރު ދާއިރާއަށް ޑރ.މުހައްމަދު ޝާފިޢީ، އަދި މައްޗަންގޮޅި މެދު ދާއިރާއަށް އަހުމަދު ޝާން ވާދަ ކުރައްވާނެ ކަމަށް ޑީއާރުޕީން ބުނެއެވެ.

މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ލީޑަރު މުހައްމަދު ނަޝީދާއި ފިޝާވީން ސަލީމަށް ޕީޕީއެމް އާއި ރައީސް ޔާމީންގެ ތާޢީދު ލިބިފައިވާކަމަށާއި އަދި އަނެއް ދެ ބޭފުޅުންނަށް ޕީޕީއެމް އާއި ކޮންގްރެސް ޕާޓީހެ ތާޢީދު ހޯދުމަށް މަޝްވަރާ ކުރަމުންދާކަމަށްވެސް ޑީއާރުޕީން ބުނެއެވެ.

ޑީއާރްޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އެންމެފުރަތަމަ އުފެއްދެވި ޕާޓީއެވެ. ޕާޓީގެ ލީޑަރޝިޕްގައި އުފެދުނު މައްސަލައެއްގައި ޕާޓީ ދެބައިވެ އޭގެތެރެއިން ރައީސް މައުމޫނަށް ތާޢީދުކުރާ މީހުން ވަނީ މައުމޫން ފަހުން އުފެއްދެވި ޕީޕީއެމްއާ ގުޅިފައެވެ.

އޭގެފަހުން ޑީއާރުޕީ ހިނގަމުންއައި އަޙްމަދު ތަސްމީން އަލީގެ ލީޑަރ ޝިޕްގެ ދަށުންނެވެ. އެހެންނަމަވެސް ތަސްމީން ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެޕާޓީގެ ލީޑަރޝިޕާއި ހަވާލުވުމަށްފަހު ޕާޓީ ހިންގަވަމުން ގެންދަވަނީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދެވެ.