ޚަބަރު

ހިޔާ ފްލެޓުތަކާ ގުޅިގެން މިނިސްޓަރު އާޠިފާ މަޖިލީހަށް ހާޒިރުކުރަނީ


ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ބަދަލު ގެންނަން އުޅޭކަމަށްބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ދެންނެވުމަށް ހައުސިން މިނިސްޓަރު އާމިނަތު އާޠިފާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް ބަދަލުގެންނަން ސަރުކާރުން މަސައްކަތް ކުރާކަމަށް ބުނެ ދެކެވޭ ވާހަކަތަކާގުޅޭ މަޢުލޫމާތު ސާފުކުރައްވަން މިނިސްޓަރު އާޠިފާ މަޖިލީހަށް ހާޒިރުކޮށްދެއްވައި އެކަމަނާއާ ސުވާލު ދަންނަވަން އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

ރިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރު އާޠިފާ މަޖިލީހަށް ހާޒިރުވުމަށް ދަންނަވައި ނޯޓިސް ފޮނުއްވާފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތަކާ ގުޅޭ ގޮތުން މީޑިއާގައި ފެތުރިގެން އުޅޭ ވާހަކަތަކާ ގުޅޭ ތެދު މަޢުލޫމާތު އޮޅުން ފިލުވުމަށް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ތަޅުމަށް ވަޒީރުން ހާޒިރުކުރައްވައި މަޖިލިސް މެންބަރުން ބޭނުންފުޅުވާ ސުވާލުތައް ދެންނެވުމުގެ ފުރުޞަތު އޮތްނަމަވެސް ވަޒީރުންނަށް ސުވާލު ދެންނެވުމުގެ ޤާނޫނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަޒީރަކާމެދު ސުވާލު އުފައްދާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް ސުވާލުތަކާއެކު ލިޔުމަކުން ނޯޓިސް ފޮނުއްވައި 14 ދުވަހުގެ މުހުލަތެއް ވަޒީރަށް އަރުވަންޖެހޭކަމަށެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މަސައްކަތް ފަށާފައިވާ ދެ ކޮޓަރީގެ 7000 ފްލެޓާއި މަސައްކަތް ފަށާނެކަމަށް އިޢުލާންކޮށްފައިވާ ދެ ކޮޓަރީގެ 2500 ފްލެޓް ލިބޭނެކަމަށް ކަނޑައަޅައި، ގެޒެޓްކޮށްފައިވާ މީހުންގެ ނަންތަކަށް ބަދަލު ގެންނަން މިސަރުކާރުން ނިންމާފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުންދަނީ ވާހަކަދައްކަމުންނެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޭނެ ފަރާތްތައް ކުރިން އިއުލާނުކޮށްފައިވީ ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުފަރާތްތަކުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންކަން ބެލުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ. އަދި ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ހިޔާ ފްލެޓްތަކަށް ބައެއް ބަދަލު ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ.