ޚަބަރު

މައުމޫނުގެ ދަރިންގެ މައްޗަށް ދެ މިލިއަން ދައްކަން ކުރި ޙުކުމްގެ އިސްތިއުނާފް މައްސަލަ ބޭރުކޮށްލައިފި


ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުރީގެ ރައީސް މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް ދަށު ކޯޓުންކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ ޝަރީއަތް އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ދަރިކަލުންގެ މައްޗަށް 2017 ވަނަ އަހަރު ސިވިލް ވަނީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ގޯއްޗެއްގައި އާރުސީސީ މެދުވެރިކޮށް ހެދި އިމާރާތަކަށް ދައްކަން ޖެހޭ 2.1 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ، އެ ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައެވެ.

ރައީސް މައުމޫންގެ 4 ބޭފުޅުންގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުއްވީ ޣައްސާން މައުމޫނެވެ. ހައި ކޯޓުން މި މައްސަލަ ބޭރުކޮށްލާފައި ވަނީ މި މައްސަލައިގެ ޝަރީއަތައް އެ ބޭފުޅުން ހާޒިރު ނުވުމުންނެވެ.

ހައި ކޯޓުގެ ގަވާއިދުގައި ބުނެފައި ވަނީ މިފަދަ މައްސަލަތައް ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރު ނުވެގެން އެފަދަ މައްސަލައެއް ބޭރުކޮށްލިނަމަވެސް އެ މައްސަލައެއް ބޭރުކުރާތާ 14 ދުވަހުގެ ތެރޭގައި އަލުން އަނބުރާ އިސްތިއުނާފަށް ހުށަހެޅިދާނެ ކަމަށެވެ.