ޚަބަރު

ހުއްދަނެތި އެހެން ޕާޓީއެއްގެ ކުލަތައް ސިޔާސީ ކަންކަމުގައި ބޭނުން ކުރުމަކީ ކުށެއް - އީސީ


ސިޔާސީ ޕާޓީތަކުން ރަސްމީކޮށް ބޭނުންކުރާ ކުލަތައް އެޕާޓީއެއްގެ ހުއްދަނެތި އެހެން ފަރާތްތަކުން ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރުމަކީ ޤާނޫނީ ކުށެއްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައިވަނީ ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތަކުގައި ރަސްމީކޮށް ބޭނުންކުރާ ކުލަތައް އެޕާޓީއެއްގެ ހުއްދަނެތި އެހެން ސިޔާސީ ޕާޓީއަކުން ނުވަތަ އަމިއްލަ ފަރާތަކުން ވިޔަސް، ސިޔާސީ ކަމެއްގައި ބޭނުންކުރުމަކީ ޤާނޫނީ ކުށެއް ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސިޔާސީ ކަންކަމާގުޅޭ ޝަކުވާތައް އީސީއަށް ރަސްމީކޮށް ހުށަހެޅޭނެ މެކޭނިޒަމް ޤާއިމްކޮށްފައިވާކަމަށާ އެގޮތަށް ހުށަހަޅާ ޝަކުވާތައް މޮނިޓަރ ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅު އެ އިދާރާއިން އަޅަމުން ގެންދާނެ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުންވެސް ހައްލުނުވާ ކަންކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަން ހޯދާނެ ކަމުގެ އިންޒާރު ޝަރީފް ވަނީ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިތުރުން އިންތިޚާބުތަކާއި އެކިއެކި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ އަމިއްލަ ފަރާތްތަކުން ވެސް އެހެން ސިޔާސީ ޕާޓީއެއްގެ ރަސްމީކުލަ ހުއްދަ ނެތި ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް އީސީންވަނީ ގޮވާލައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އައު ޤަވައިދެއް އެކުލަވާލާފައެވެ. އެގޮތުން އެ ޤަވާއިދު އެކުލަވާލީ ރާއްޖޭގެ ހާލަތަށް ބަލައި، އަދި ވޭތުވެދިޔަ މާޒީގައި ކަންތައްތައް ވެފައިވާ ގޮތަށް ބެލުމަށް ފަހުކަމަށާއި، އެ ޤަވާއިދުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް އީސީން ވިދާޅުވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބާއި އަދި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ސިޔާސީ ޕާޓީތަކުގެ ހުއްދަ ނެތި އެ ޕާޓީތަކުގެ ރަސްމީ ކުލަތައް ކެމްޕެއިންގައި ބޭނުންކުރާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ.