ޚަބަރު

އެމްޑީޕީގެ ކެމްޕެއިން ވޯކްޝޮޕްތައް މުޅި ރާއްޖޭގައި ފަށައިފި


ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިން ވޯކްޝޮޕްތައް މުޅިރާއްޖޭގައި ފަށާފައިވާ ކަމަށާއި އެމަސައްކަތް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އައްޔަންކޮށްފައިވާ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން އެޕާޓީގެ ކެމްޕެއިން ވޯކްޝޮޕްތައް މާލޭގައި ފަށާފައިވާ ކަމަށާ އިއްޔެއިން ފެށިގެން އަތޮޅުތެރޭގައިވެސް އެހަރާކަތްތައް ފަށާފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ އެޖެންޑާ 19ގައި ކަނޑައަޅާފައިވާ ގާނޫނުތަކުގެ މަފްހޫމުތަކަށް ކެނޑިޑޭޓުންނާއި، މެނޭޖަރުންނާއި ކެމްޕެއިން ޓީމްތައް އަހުލުވެރި ކުރުވުމަށްފެށި ވޯކްޝޮޕްތައް އަތޮޅުތެރޭގެ ހަތަރު ރަށެއްގައި ބާއްވާފައިވާ ކަމަށެވެ. އެގޮތުން ހދ.ވައިކަރަދޫ، ވ.ތިނަދޫ، އދ.މަހިބަދޫ، އަދި އެ އަތޮޅު މާމިގިލީގައި ވޯކްޝޮޕް ބާއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ދިވެހިން ބޭނުންވާ ތަރައްޤީ ސަރުކާރަށް ފުރިހަމަކޮށް ދެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީއަށް ތަނަވަސް އަޣްލަބިއްޔަތު ދީގެންކަން ވޯކްޝޮޕްގެ ބައިވެރިންނަށް ތަކުރާރުކޮށް ވިސްނައިދީފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތަނަވަސް އަޣްލަބިއްޔަތުން ކާމިޔާބު ކުރުމަށް އެމްޑީޕީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޕާޓީން ވަނީ 86 ދާއިރާއަކަށް ވާދަކުރުމަށް އީސީއަށް ފޯމް ހުށަހަޅާފައެވެ. އެހެން ނަމަވެސް އޭގެތެރެއިން 10 ފޯމެއްގައި މަޢުލޫމާތު ފުރިހަމަ ނުވާކަމަށް ބުނެ، އީސީން ވަނީ އެ ފޯމްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު ދީފައެވެ.