ޚަބަރު

ނުވަ ރަށަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ކުރި އިޢުލާން ބާޠިލްކޮށްފި


ރާއްޖޭގެ 9 ރަށަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ކުރި އިޢުލާން ބާޠިލްކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ރަށްރަށުން ގޯތި ދޫކުމުގެ މަސައްކަތަކީ ކައުންސިލުން ކުރަން ޖެހޭ ކަމަކަށް ވާތީ، ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ކުރި އިޢުލާން ބާޠިލްކޮށް އެމަސައްކަތްތައް ކައުންސިލުތަކުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުންވަނީ ކައުންސިލްތަކުގެ ބައިވެރިވުމެއްނެތި ރާއްޖޭގެ ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް އިޢުލާންކޮށް އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހދ.ކުޅުދުއްފުށި، ހދ.ހަނިމާދޫ، ކ.މާފުށި، ލ.ގަން، ގދ.ތިނަދޫ، ކ.ތުލުސްދޫ، ކ.ހިންމަފުށި، ދ.މީދޫ، އަދި އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ވަނީ އިޢުލާން ކޮށްފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެެ. އަދި އެ މަސައްކަތް ކުރައްވާނީ ކައުންސިލްތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ރައީސް ޞާލިޙް ވަނީ ވައުދުވެވަޑައިގެންފައެވެެ.