ޚަބަރު

ރައީސް ޞާލިޙް އަނގޮޅިތީމް ކައުންސިލާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި ރަށުގެ ނަރުދަމާ އާއި ފެނުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތްތަކާއި ފުޓްސަލްދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ހެލްތު ސެންޓަރަށް ކުރިމަތިވެފައިވާ ދަތިދަކާއި، މަގުތައް އަޑިގުޑަންވެފައި އޮތުމުން ކުރިމަތިވަމުންދާ ދަތިތައްވެސް މެންބަރުން ވަނީ ރައިސް އާ ޙިއްޞާކުރައްވާފައެވެ.

މީގެއިތުރުން ކައުންސިލް މެންބަރުން ވަނީ އެރަށުގައި ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށްޓަކައި ރަށުގައިހުރި އާސާރީ ތަކެތި ބެހެއްޓުމަށް ދާރުލްއާސާރެއް އިމާރާތްކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އަނގޮޅިތީމްގެ ކައުންސިލުން އެދުނު ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ކަމާގުޅުންހުރި މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި އަނގޮޅިތީމުގެ ތަރައްޤީއަށް ކަނޑައަޅުއްވާފައިވާ ކަންތައްތައް ކުރިއަށްދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.