ޚަބަރު

ޕްރައިމަރީން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރަން ވަގުތީ އަމުރަކަށް އެދިއްޖެ


ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް މާއްދާ އުވާލުމަށް ހުށައެޅި މައްސަލަ ނިމެންދެން އެ މައްދާއަށް އަމަލުކުރުން މަޑޫ ޖައްސާލަން ވަގުތީ އަމުރަކަށް އެދިއްޖެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް ގެނައި އިޞްލާޙު އުވާލުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އަބްދުﷲ ޖާބިރާއި، ޢަބްދުލް މާނިޢު ހުޞައިނެވެ. މި ދެބޭފުޅުންގެ ތެރެއިން ޖާބިރަކީ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެން ބޭފުޅެކެވެ.

ސުޕްރީމްކޯޓްގެ ފުލް ބެންޗުން ބައްލަވާ މި މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުންވަނީ މި މައްސަލައަށް އިލެކްޝަންސް ކޮމިޝަން ތަދައްހުލް ކުރުވަން ނިންމާފައެވެ. އަދި މި މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއްވެސް ދީފައެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅި ފަރާތުން ވަނީ ޕްރައިމެރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ މާއްދާ އުވާލުމަށް އެދިފައެވެ. އަދި އެ މައްދާއަށް އަމަލުކުރުން މަޑު ޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް ދައުވާކުރި ފަރާތްތަކުން އެދިފައިވެއެވެ. މީގެއިތުރުން މަޖިލިސް އިންތިޚާބުގެ ކުރިން މި މައްސަލާގައި ގޮތެއް ނިންމާދިނުމަށްވެސް ދައުވާކުރި ފަރާތްތަކުން ވަނީ އެދިފައެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ އިލެކްޝަންސް ކޮމިޝަންވެސް ހިމެނޭ ގޮތަށް މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އާދިއްތަދުވަހު ބާއްވާނެކަން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވުމަށްފަހު އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިޞްލާހެއް ހުށަހަޅާ ފާސްކުރީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

އެގޮތުން ޤާނޫނަށް ގެނައި ބަދަލުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިޚާބުގައި އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ހުށަހަޅައިފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ ކެނޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލް ކުރަންވާނެ ކަމަށެވެ.