ޚަބަރު

ވަޒީފާގެ ބޭނުމުގައި ބަންގްލަދޭޝް ރައްޔިތުން ރާއްޖެ ނައުމަށް އިލްތިމާސްކޮށްފި


ވާޒީފާގެ ބޭނުމުގައި ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެއަށް ނުދިއުމަށް އެޤައުމުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ބަންގްލަދޭޝްގެ އެކްސްޕެޓްރިއޭޓް ވެލްފެއަރ އެންޑް އެމްޕްލޯއިމަންޓް މިނިސްޓްރީއާއި ހަވާލާދީ ބަންގްލަދޭޝްގައި ނެރޭ ނޫހެއްގައި ބުނެފައިވަނީ ރާއްޖެ އަންނަ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަޒީފާގެ ދަތިކަން ކުރިމަތިވެފައިވާކަމަށެވެ. އެކަން ރާއްޖޭގައި ހުންނަ ބަންގަލަދޭޝް އެމްބަސީން އެމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ. އެ ނޫހުގައި ބުނެފައިވަނީ މިހާރުވެސް ގިނައަދަދެއްގެ ބަންލަދޭޝް ރައްޔިތުން ވަޒީފާނެތި ރާއްޖޭގައި އުޅެމުންދާކަމަށެވެ.

އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށްޓަކައި އެޖެންސީތަކުންވެސް މީހުން ނުފޮނުވުމަށް ބަންގްލަދޭޝަގެ ކަމާއިގުޅޭ މިނިސްޓްރީން އެޖެންސީތަކަށް އަންގާފައިވާ ކަމަށެވެ.

ވޯކް ވިސާގައި މިހާތަނަށް ރާއްޖެގެނެސްފައިވާ ބިދޭސީންގެ އަދަދު 144،607 އަރާއިރު މީގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ނިސްބަތުން ގިނައެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ދޮޅުލައްކައާ ގާތްކުރާ އަދަދަކަށް ބިދޭސީން އުޅޭއިރު އޭގެތެރެއިން 63000 މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުންވަނީ ބުނެފައެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް "އޮޕަރޭޝަން ސްޓިންގ ރޭ" ގެނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުން ޚާއްސަ މަސައްކަތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފަށާފައެވެ. އެ މަސައްކަތުގެ ދަށުން މިމަހުގެ ތެރޭގައި ވަނީ މާލޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 80 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެެވެ.