ޚަބަރު

ފޮރިންގ މިނިސްޓަރ ޝާހިދު ސަޢޫދީގެ ފިނޭންސް މިނިސްޓަރުގެ ނާއިބާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ހަމަދް ބިން ސުލައިމާން އަލް ބަޒައި އާއި ބައްދަލު ކުރައްވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ފިނޭންސްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިވަގުތު ރާއްޖޭގައި ހިނގަމުންދާ ބައެއް މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއާއި މެދު ބަހައްޓަމުން އަންނަ ގާތް ރަޙުމަތްތެރި ގުޅުމަށް މިނިސްޓަރ ޝާހިދު ޝުކުރުއަދާކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކައް ވާސިލްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެއްވެން ހުރި އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

މި ބައްދަލުވުމުގައި ފޮރިންގ މިނިސްޓަރުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.