ޚަބަރު

ދަރަނބޫދޫ އާއި ބިލެތްދޫ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފ.ބިލެތްދޫއާއި އެއަތޮޅު ދަރަނބޫދޫ ކައުންސިލްތަކުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި އެ ކައުންސިލްތަކުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައްވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ.

ބިލެތްދޫ ކައުންސިލުންވަނީ މިހާރުން މިހާރަށް އެރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. މިގޮތުން، އެރަށުގެ ގިރާ ސަރަހައްދު ޙިމާޔަތްކުރުމާއި، ބަނދަރުގެ ދަތިކަމާއި، އުމްރާނީ ވަސީލަތްތަކުގެ ދަތިކަން ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

ދަރަނބޫދޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގައި ބަނދަރުގެ ޙާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިއެވެ. މީގެ އިތުރުން ވެސް ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ޙިއްޞާކުރައްވައި ކައުންސިލް މެންބަރުން ވަނީ ރަށުގައި ގެސްޓްހައުސް ވިޔަފާރިތައް ޤާއިމުކުރުމަށް ފަހި މާހައުލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދަރަނބޫދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ކައުންސިލް އިދާރާ ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަތަށް ރައީސުލްޖުމްހޫރިއްޔާ އާ ވަނީ ޙިއްޞާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަނބޫދޫ ޢައި ބެލެތްދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ވިހާވެސް އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.