މާލެ ސިޓީގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައި ހުރި މިސްކިތްތަކަށް އެއްވެސް ޚަރަދެއް ކުރާނަމަ އެކަން މާލެ ސިޓީކައުންސިލަށް އެންގުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މިސްކިތްތައް ބަލަހައްޓަމުންދަނީ މާލޭ ސިޓީ ކައުންސިލުންކަމުން، އެ މިސްކިތްތަކަށް ކުރެވޭ ޚަރަދާއި މަރާމާތު ކުރުންފަދަ ކަންތައްތަކުގެ މަޢުލޫމާތު އެ ކައުންސިލުގައި ރައްކާކުރަންޖެހޭތީ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިހުރި މިސްކިތްތަކަށް އެ ފަރާތްތަކުން ކުރާ ޚަރަދުގެ މަޢުލޫމާތުވެސް ސިޓީ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށެވެ.
ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް މާލެ ސަރަހައްދުގައި ހުރި މިސްކިތްތައް ބަދަލުކުރިއިރު ބައެއް މިސްކިތްތަކުގެ ހާލަތު ވަރަށް ދަށްކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
މާލެއާއި ވިލިމާލެ އާއި ހުޅުމާލޭގައި އަލަށް ބިނާކުރަމުންދާ މިސްކިތްތަކާއި މާރާމާތު ކުރަމުންދާ މިސްކިތްތައް މިހާރު ބަލަހައްޓަމުންދަނީ އިސްލާމިކް މިނިސްޓްރީންކަން ފާހަގަކުރައްވަމުން، ޒަމީރު ވިދާޅުވީ އެ މިސްކިތްތަކުގެ މަސައްކަތްތައް ނިމުމާއެކު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރާނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ފަސްއަހަރުދުވަހު މާލޭ ސިޓީގައި ހުރި މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންގެންދިޔައިރު، މިސްކިތްތައް ފޮޅާ ސާފުކުރުމާއި ކުދި ކުދި މަރާމާތު ކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް އެކަން އެކަށީގެންވާގޮތެއްގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ބައެއް މިސްކިތްތަކަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ދަށަށް، މާލޭ ސިޓީގެ މިސްކިތްތައް ބަދަލުކުރުމުން މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުރި މިސްކިތްތަކަށް ކުރަންޖެހޭ އެކި ޚަރަދާއި، މާރާމާތުކުރަންޖެހޭ މިސްކިތްތައް ބަލާ ސާރވޭކޮށް ނިމިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. އެގޮތުން މިސްކިތްތަކުގެ މަރާމާތުތައް ކުރިއަށްގެންދާނެ ގޮތްތަކާއި ރަމަޟާންމަހަށް މިސްކިތްތައް ތައްޔާރުކުރުމުގެ ކަންކަން ކުރަމުންދާކަމަށްވެސް ސިތީ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން މާލޭ ސީޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ.
މިސްކިތްތައް ސިޓީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ހިންގުމަކީ، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ބާރުތައްދީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވަޢުދުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިސްކިތްތައް ބެލެހެއްޓުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރިނަމަވެސް، އިމާމުންގެ ކަންކަން ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީންނެވެ. އަދި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމާއި ދަރުސްދިނުންފަދަ ކަންކަންވެސް ބަލަހައްޓަމުން ގެންދިޔުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.