ސިޔާސީ

ބޮޑު ޚިޔާނާތުގެ ރިޕޯޓަށް ފާޑުކިޔުންތައް، އޭސީސީ ހިމޭނުން!؟


ދުލަކުން ބުންޏަސް ހަމަ ފިއްކަނޑައިގެންދާ ވަރުވެއެވެ. މިލިއަނުން ބިލިއަނުން އަދަދުތައް ދެ އަކުރުން ކިޔާލީމާ ހަމަ ހިތަށް އަރަނީ އެއީ "ލާރި"އެއް ކަމަށް ހެއްޔެވެ؟

ދައްކަން މިއުޅެނީ އާ ވާހަކައެއް ނޫނެވެ. އެންމެން ދަންނަ ބޮޑު ކޮރަޕްޝަންގެ ވާހަކައެވެ. ދައުލަތުގެ އެތައް ފައިސާއަކަށް ވީނުވީއެއް ނޭނގި އެތައް ބައެއްގެ އެކައުންޓްތަކަށް ޖަމާކުރި ވާހަކައެވެ. އޭގެތެރެއިން އެތައް ބަޔަކަށް ނުޙައްގުން މުއްސަނދިކަން ލިބުނު ވާހަކައެވެ. އަނެއް ބަޔަކަށް އެތައް ހާސް މަންފާއެއް ލިބުނު ވާހަކައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) 1.3 ބިލިއަން ރުފިޔާގެ ޚިޔާނަތާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ރިޕޯޓާއެކު އެތައް ބަޔަކު ދަނީ އެކަމާ އަޑުއުފުލަމުންނެވެ. އެތައް ބަޔަކު ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ.

މިކަމުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭރުގެ ސަރުކާރުގެ އޮޑިޓް ރިޕޯޓެއް ތައްޔާރުކޮށްގެން މަޤާމުން ވަކިކުރި އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާޙީމް ވިދާޅުވި ވާހަކައެވެ. އެ ރިޕޯޓަކީ ސައްޙަ ރިޕޯޓް ނޫން ކަމަށާއި އޭގައި ބައެއް މީހުންގެ ނުވަތަ ކުންފުނިތަކުގެ ނަންތައް ނެތުންވެސް ނިޔާޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ނިޔާޒުގެ ފޭސްބުކު ޕޭޖުގައި އޭނާ ބުނެފައިވަނީ އޭސީސީން އާންމުކުރި ރިޕޯޓުން ހާމަކޮށްފައިވަނީ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކަށް ފޯރުކޮށްދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން "ބައިކުޅަބައި" ކަމަށެވެ. އަދި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ އިތުރުން އެތައް މިލިއަން ޑޮލަރެއް އަދީބުގެ އަމިއްލަ އެކައުންޓުތަކަށާ އޭނާގެ މަސްލަޙަތު އޮންނަ ކުންފުނިތަކަށް ވަދެފައިވާ ކަމަށެވެ.

"އަދި މީގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ އިސްވެރިންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިފައިވޭ." ނިޔާޒް އިބްރާޙީމްގެ ފޭސްބުކު ޕޭޖުގައިވެއެވެ.

ނިޔާޒުގެ މި ވާހަކަތަކުންވެސް ސުވާލުތަކެއް އުފެދެއެވެ. އެއީ އެސްއޯއެފް މެދުވެރިކޮށް ތަފާތު އެކި ފަރާތްތަކަށް ޖަމާކޮށްފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާގެ "ބައިކުޅަބައި" ފައިސާ ކަމަށްވާ ނަމަ އެ ފައިސާގެ އަނެއް "ބައިކުޅަބައި" ފައިސާވީ ކޮންތާކު ހެއްޔެވެ. އެ ފައިސާތައް ޖަމާކޮށްފައިވަނީ ކާކުގެ އެކައުންޓަކަށް ހެއްޔެވެ.

ނިޔާޒު ވިދާޅުވެފައިވަނީ އެފައިސާ ލިބުނު ބައެއް ފަރާތްތައް އަދިވެސް ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ކަމަށާއި އަދީބު އަތުން ފައިސާ ލިބުނު ބައެއް މެންބަރުން މިއަހަރު އޮންނަ މަޖިލިސް އިންތިޚާބުގައިވެސް ވާދަކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

އެސްއޯއެފް މެދުވެރިކޮށް ދައުރުވި ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ އިތުރުން އަދީބު އަތުން ފައިސާ ލިބުނު ބައެއް ފަރާތްތަކުގެ މައުލޫމާތު ހާމަނުކޮށް އޮތުމުން އެކަމާ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނިޔާޒު ވިދާޅުވީ އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައިނުވާ މައުލޫމާތުވެސް އެ އިދާރާއާ ޙިއްސާކޮށްފައިވާނެ ކަމަށެވެ. ސުވާލަކީ އޭސީސީން އެ ފަރާތްތަކުގެ ނަންތައް ހާމަނުކުރީ ކީއްވެ ހެއްޔެވެ. އޭސީސީ ފަދަ ޤާނޫނީ ބޮޑު ޝަޙްސަކަށް މިފަދަ ބޮޑު ޚިޔާނާތެއްގައި "ހޭކިލި" މީހެއްގެ ނަންވެސް ހާމަ ކުރަން ޖެހިލުންވީ ކީއްވެހެއްޔެވެ.

"ނަމަވެސް ޔަގީންވާ ކަމަކީ އޭސީސީގެ ބައެއް މެންބަރުންނާ އާއިލީ ގުޅުން އޮތް ފަރާތްތައްވެސް މީގެތެރޭގައި ހިމެނޭކަން." ނިޔާޒުގެ ފޭސްބުކުގައި ބުނެފައިވެއެވެ.

ރައީސްގެ ނިންމެވުމަށް ސާބަސް!

އޭސީސީން އާންމުކުރި ބޮޑު ޚިޔާނާތުގެ ރިޕޯޓާއެކު ސަރުކާރުގެ ތެރެއިން ރައީސް ޞާލިޙު އިސްވެ ހުންނަވާ ނެންގެވީ ފިސާރި "ގަޓުހުރި" ފިޔަވަޅެކެވެ. ސަރުކާރުގެ އިސް ދެ މަޤާމެއްގައި ތިއްބެވި ދެ ބޭފުޅެއްގެ އެކައުންޓަށް އެފައިސާ ޖަމާވެފައިވާކަން ރިޕޯޓުން ހާމަވުމާއެކު ގޭގައި މަޑުކުރަން އެ ބޭފުޅުންނަށް ހަމަ ވަގުތުން އެންގެވީއެވެ. މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅުއްވަނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރިޕޯޓް އާންމުވުމާއެކު ރައީސް ޞާލިޙުވަނީ މީގެ ތިން އަހަރު ކުރިން ތަޙުގީގުކޮށް ނިމިފައިވާ ރިޕޯޓެއް އެހާ ލަހުން އާންމުކުރެއްވީ ކީއްވެތޯ އޭސީސީއާ ސުވާލުކުރައްވާފައެވެ.

އެމްޑީޕީން މަޖިލީހަށް ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކެމްޕެއިން ލޯންޗު ކުރެއްވުމަށް ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާއަކީ ވަރަށް ބޮޑު ޢަދަދެއްކަމަށެވެ. އަދި އެކަމުގައި ޝާމިލްވާ މީހުންގެ މައްސަލަތައް މިހާރުން މިހާރަށް ތަހްޤީޤުކޮށް ޝަރީއަތަށް ހާޒިރުކުރަން ޖެހޭކަމަށެވެ.

"އަޅުގަނޑު އޭސީސީއަށް ދަންނަވާލަން ބޭނުންވަނީ. ލަސްނުކުރައްވާ އޭގައި ހުރި މީހުންގެ މައްސަލަތައް ބައްލަވާށޭ. ބައްލަވާ އޭގައި ކުށްވެރިވާ ފަރާތްތައް ޝަރީއަތަށް ފޮނުވަންޖެހޭ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ޝަރީއަތަށް ފޮނުވާށޭ. ކުށްވެރިނުވާ ފަރާތަކީ ހަމަރަނގަޅަށް އިޚްލާސްތެރިކަމާއެކު އެއްވެސް ކުށެއްނެތް ބައެއް ކަމުގައި ކަނޑައަޅުއްވާ ދެއްވާ. އެހެންނޫނީ ބޮޑު މައްސަލަތަކެއްގެ ތެރެއަށް އަނެއްކާވެސް މިޤައުމު ވެއްޓިގެންދާނެ." ރައީސް ވިދާޅުވިއެވެ.

އޭސީސީގެ ރިޕޯޓު އާންމުކުރުން ލަސްވުމަކީ ޚުދު ރައީސްގެވެސް ކަންބޮޑުވުމަކަށްވީއިރު، އެ އިދާރާގެ މަސައްކަތްތައް ލަސްވުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. އަދި މި ރިޕޯޓް އޭސީސީއިން އާންމު ކުރުމާއެކު، ބައެއް މައުލޫމާތުތައް ސިއްރުކޮށް އަދި ރިޕޯޓް ފުރިހަމަނުވާ ކަމަށް ބުނެ އެ ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތައްވެސް މިވަނީ އަމާޒުވާން ފަށައިފައެވެ.

އެގޮތުން އޭސީސީގެ މެންބަރުން އިސްތިއުފާއަށް ގޮވައި މާލޭގައި ވަނީ މުޒާހަރާއެއްވެސް ކޮށްފައެވެ.
ޤާނޫނީ ވަކީލް މަރިޔަމް ޝުނާނާ އިސްކޮށް ހުންނަވާ ކުރި، މުޒާހަރާގައި ގޮވާލަމުން ދިޔައީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކޮށް އެބޭފުޅުންގެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ. އަދި އޭސީސީގެ މެމްބަރުން ވަކި ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި ރައީސް އޮފީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށާފައެވެ.

"މިޤައުމުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކެއް ނުބެލޭ. އޭސީސީ އެތިބީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނުކުޅެދިފަ. އަޅުގަނޑުމެން އޭސީސީގެ ރިޕޯޓެއް ބަލައެއް ނުގަންނަން. އޭސީސީގެ މެމްބަރުން އިސްތިއުފާދޭންޖެހޭ." ޝުނާނާ ވިދާޅުވިއެވެ.

ހަޤީގަތަކީ އޭސީސީން އާންމުކުރި ތަހުޤީގީ ރިޕޯޓަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ނިމުން ނޫންކަން އެނގެއެވެ. އެރިޕޯޓުގައި އެކަމާ ގުޅުންހުރި އެތައް ބައެއްގެ ނަންތައް ހާމަކޮށްފައި ނެތުމަކީ މި މައްސަލަ އިތުރަށް ކުރިފަޅައި މިކަމުގައި ޝާމިލްވާ މީހުން އެނގި ހާމަވެގެންދާނެ ކަމެކެވެ. ރައްޔިތުން ތިބީ އެފަރާތްތައް ހޯދާށެވެ. ރައްޔިތުންގެ އަތުން ގެއްލުނު އެތައް ފައިސާއަކަށް ޚިޔާނާތްވީ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކެތްމަދުވެފައެވެ. ރައްޔިތުން ތިބީ އޭސީސީން މި ސުވާލުތަކުގެ ޖަވާބު ދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.