ޚަބަރު

މިދިޔަ އަހަރުގެ ނިޔަލަށް، 3000 ދަރިވަރުންނަށް ފަރުވާ ދިނުމަށް ލަފާދީފައިވާނެ - އެޑިއުކޭޝަން


ހެލްތް ސްކްރީން ހެދުމަށްފަހު މިދިޔަ އަހަރުގެ ނިޔަލަށް، ތިންހާސް ދަރިވަރުން އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމަށް ލަފާދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ވޭތުވެ ދިޔަ ފަސް އަހަރުދުވހުގެ ތެރޭގައި ގްރޭޑް އެކެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ހެލްތް ސްކްރީން ހަދާފައިވާއިރު މީގެ ތެރޭގައި ތަފާތު ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ ކުދިން ތިބިކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސެނަހިޔާގެ ޑޮކްޓަރ ކާނަލް ޑރ.އަލީ ޝާހިދު ވިދާޅުވީ 2014 ވަނަ އަހަރު ގްރޭޑް 1ގައި ތަޢުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރުންގެ ހެލްތް ސްކްރީން ހެދުމުގެ މަސައްކަތް ފެށިއިރު މާބޮޑު ތަރްޙީބެއް އެކަމަށް ލިބިފައިނުވިނަމަވެސް މިހާރު ތަރުޙީބު ލިބެމުންދާކަމަށެވެ.

މިގޮތުން 2014ވަނަ އަހަރު 82% ދަރިވަރުން ހެލްތް ސްކްރީން ހަދާފައިވާކަމަށާ މިދިޔަ އަހަރުގެ ނިޔަލަށް 94.6% ދަރިވަރުން ހެލްތް ސްކްރީން ހަދާފައިވާކަމަށް ޑރ.ޢަލީ ޝާހިދު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 3000 ދަރިވަރުން އެކި ބަލިތަކަށް، އިތުރު ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމަށް ލާފާދީފައިވާއިރު އެހެން އަހަރުތަކާ އެއްފަދައިން މިދަޔަ އަހަރުވެސް އައިނުއަޅަންޖެހޭ ދަރިވަރުން ފާހަގަވެފައިވާކަމަށް ޑރ.ޝާހިދު ވިދާޅުވިއެވެ. މީގެ ތެރޭގައި ބެލެނިވެރިންނަށް ދަރިވަރުންގެ ލޮލުގެ މައްސަލަ ހުރިކަން ނޭގޭ 600 އަށްވުރެ ގިނަ ދަރިވަރުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
ސްކޫލް ކުދިންގެ ހެލްތް ސްކްރީން ހެދި ކުދިންގެ ތެރެއިން ކޮންމެ ފަސްކުއްޖެއްގެ ތެރެއިން ދެ ކުދިންނަކީ އަނގައިގެ ސިއްޙަތުގެ މައްސަލަތައް ހުރި ކުދިންކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ.

"ބޮޑެތިވަމުން އަންނަކުދިންގެ ސިއްހީ ހާލަތުވެސް ދެނެގަތުމަކީ މުހިއްމުކަމެއްކަމަށް. ހެލްތ ސްކްރީން ހަދަމުންދާއިރު ދަރިވަރުންނަށް ފައިދާވާނެ ގޮތްތައް ބެލެނިވެރިންކަށް ހިއްސާކުރަމުންދޭ. ދަރިވަރުންގެ ހެލްތް ސްކްރީން ހަދަމުންދާއިރު ބެލެނިވެރިން ސިނގިރޭޓް ބޯ މިންވަރުވެސް ކަލެކްޓް ކުރެވިގެންދޭ. މިގޮތުން40 އިންސައްތަ ބެލެނިވެރިންނަކީ ސިނގިރޭޓް ބޯ މީހުން. މީގެ ތެރޭގައި ކުދިންނަށް ނޭގެ ބޯ ބެލެނިވެރިންނާއި ކުދިންގެ ކުރިމަތީގައި ބޯ ބެލެނިވެރިންގެ ޑާޓާތައް ކަލެކްޓް ކޯށްފައިވާނެ. އަދި ދަރިވަރުން ޓިވީ ޓެބްލެޓް ބޭނުންކުރާ މިންވަރުވެސް ކަލެކްޓްކޮށްފައިވާނެ." ޑރ.އަލީ ޝާހިދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޙުސައިން ރަޝީދު ވިދާޅުވީ ހުއްޓާ ނުލައި ގްރޭޑް 1ގެ ދަރިވަރުންގެ ހެލްތް ސްކްރީން ހަދަމުންގެންދާތާ 5 އަހަރުވެފައިވާކަމެވެ.

ނަމަވެސް މިހާރު ޤާއިމްކޮށްފައިވާ ހެލްތް ސްކްރީން ސިސްޓަމްގެ ޒަރިއްޔާއިން އެލްކޭޖީން ފެށިގެން ގްރޭޑް 10ގެ ދަރިވަރުންގެ ހެލްތް ސްކްރީން ހަދަމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ހުސައިން ރަޝީދު ވިދާޅުވީ މިކުދިންގެ ހެލްތް ސްކްރީން ހަދަމުން ގެންދިޔަނަމަވެސް ގްރޭޑް 7 ފެށިގެން މަތީގެ ދަރިވަރުންނަށް މެޑިކަލް ސްކްރީން ހަދަމުންގެންދާނެކަމަށެވެ. ކުރިއެކޭ އެއްފަދައިން މިހާރުވެސް ކޮންމެ ދުވަހަކު ސްކޫލްތަކުގައި ހެލްތް ސްކްރީން ކުރުމުގެ ކަންކަން ބަލަމުންގެންދާނެކަމަށާއި ދަރިވަރުންގެ ރިޕޯޓްތައްވެސް ރައްކާކުރަމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ތެރޭގައި މެންޓަލް ހެލްތްގެ ބައެއްވެސް ހިމެނޭނެ. ހެލްތް ސްކްރީން ހެދިއިރު އައިނު އަޅާންޖެހޭ ކުދިންތަކާއި ފަރުވާ ހޯދަންޖެހޭ އެހެނިހެން ކަންކަންވެސް އެބަހުރި. ވޭތުވެދިޔަ ތަނުގައި ހުރި ދަތިތަކާ އެކުވެސް ހެލްތް ސްކްރީން ކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔަ. ކުރިން ހުރި ގޮންޖެހުންތަކުން އަރައިގަނެގެން މިހާރު ޤާއިމްކުރި ސިސްޓަމްގެ ޒަރިއްޔާއިން ހެލްތް ސްކްރީންގެ ކަންކަން ކުރިއަށްގެންދެވޭނެ." ހުސައިން ރަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ހެލްތް ސްކްރީނިން ޕްރޮގްރާމަކީ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ޙިއްޞާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމްއެކެވެ. ދަރިވަރުންގެ ސިއްޙަތު ބެލުމުގެ ނިޒާމެއް މިހާރު ޤާއިމްކޮށްފައިވާއިރު މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައެޅި ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.