ޚަބަރު

އޭސީސީގެ ރިޕޯޓާގުޅޭ ބައެއް މައްސަލަތައް ފުލުހުން ބަލަން ފަށައިފި - ޙަމީދު


މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޢާންމުކުރި ރިޕޯޓުގައި ހުރި މައްސަލަތަކުގެތެރެއިން ފުލުހުން އިތުރަށް ތަހުޤީގުކުރަންޖެހޭ ހުރިހާ މައްސަލަތަކެއް ޕޮލިސް އިކޮނޮމިކް ކުރައިމް ޑިޕާޓްމެންޓުން ތަހުޤީގުކުރަމުންދާކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނާ ވިދާޅުވީ، ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެކިފަރާތްތަކުން ނާޖާއިޒު ގޮތުގައި ހޯދާ ފައިސާއާ ބެހޭ މައްސަލަތައް ތަޙުގީގުކުރުމުގެ އިޚްތިޞާސްތައް އޮންނަނީ އޭސީސީއަށް ކަމަށާ، އެހެންނަމަވެސް އޭސީސީގެ ރިޕޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ފުލުހުން އިތުރަށް ބަލައި ތަހްޤީޤުކުރަންޖެހޭ ބައެއް މައްސަލަތައް އެބަހުރިކަމަށެވެ. އެހެންކަމުން އެމައްސަލަތައް ބަލަން ފަށާފައިވާކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.

"(އޭސީސީގެ ރިޕޯޓު)އެއާ ގުޅިގެން ހުރި އެހެނިހެން ޖިނާއީ ބައެއް ކަހަލަ ކުށްތައްކަމަށް ތުހުމަތުކުރެވޭކަންކަން، އެއީ ކޮންކަމެއްތޯ ބަލައި ދިރާސާކޮށް އެކަންކަން ބަލަންޖެހޭނީ ފުލުހުން. މިސާލަކަށް މަނީލޯންޑްރިންކަހަލަ ކަންކަން މީގައި ހިމެނޭކަމަށްވަންޏާ، ނުވަތަ ފްރޯޑް ނުވަތަ ފޯޖަރީ ހިމެނޭކަމަށްވަންޏާ އެކަންކަން ބަލަންޖެހޭނެ. މިފަދަކަންކަން ކިހާވަރަކަށްތޯ މިކޭސްގައި ހުރީ، މިކަންކަން ބަލައި މިއާގުޅިގެން ފުލުހުން އެކިއެކި ކަންކަން ބަލައި ތަހްޤިޤުތަކުގެ ތެރެއިން މިހާތަނަށް ލިބިފައިހުރި ހެކި ޤަރީނާތަކާއި އޭސީސީގެ ރޮޕޯޓުގައި ހުރިކަންކަމާ އެކަންކަން ގުޅުންހުރީ ކިހާވަރަކަށްތޯ ބަލުމުގެ މަސައްކަތް މިހާރު މިކުރަނީ." އެކްޓިން ސީޕީ ޙަމީދު ވިދާޅުވިއެވެ.

ސީޕީ ޙަމީދު ވިދާޅުވީ، އޭސީސީގެ ރިޕޯޓު ފުލުހުން ތަޙުގީގުކުރަމުންދާއިރު، ލިބިފައިވާ ތަފާތު އެކި ޤަރީނާތަކާ އެރިޕޯޓާ ގުޅުންހުރިވަރު ބަލަމުން އަންނަ ކަމަށއެވެ. އޭސީސީން އާންމުކޮށްފައިވާ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓުގައި ވަނީ އެޚިޔާނާތުގެ ބައެއް ބައިތައް އުނިކޮށްފައި ނުވަތަ ނުހިމަނައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި ބޮޑު ޚިޔާނާތުގެ ފައިސާ އޭސީސީގެ ބައެއް މެމްބަރުންގެ ޢާއިލާތަކާއި މަސްލަހަތުހުރި ފަރާތްތަކަށްވެސް ލިބިފައިވާކަމަށް ބައެއް ފަރާތްތަކުންދަނީ ތުހުމަތުކުރަމުންނެވެ.

މިކަމުގެ ސަބަބުން އޭސީސީގެ ބައެއް މެންބަރުންނާ މެދު ފިޔަވަޅުއެޅުމަށް ގޮވާލާ ބައެއް ފަރާތްތަކުންދަނީ އަޑުއުފުލަމުންނެވެ. އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ މިވަގުތު މިކަމާގުޅިގެން މައްސަލައެއް ހުށަހެޅިފައިވާނަމަ ބަލަމުންދިއުމަކީ އެކަށީގެންވާ ކަމެއްކަމަށާއި އޭސީސީގެ މައްސަލަ ބެލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.