ވިޔަފާރި

ތަމްރީނުދިނުމާއި މުވައްޒަފުން ބިނާކުރުމުގެ ރޮނގުން ބީއެމްއެލްއަށް ޝަރަފްވެރި އެވޯޑެއް ލިބިއްޖެ


ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއިން ދޭ ޝަރުފުވެރި އެވޯޑް "އެކްސެލެންސް އިން ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް : އޭން އޯވަރއޯލް އެވޯޑް ފޯރ ބެސްޓް ރިޒަލްޓްސް ބޭސްޑް ޓްރެއިނިންގ" ބޭންކް އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.
މި އެވޯޑް އެ ބޭންކަށް ދީފައިވަނީ މުންބާއީގައި ބޭއްވި 6 ވަނަ ގްލޯބަލް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑްސް ހަފްލާގައެވެ.

މުންބާއީގައި ބޭއްވި ގްލޯބަލް ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑްސް ހަފްލާގައި އޭޝިޔާ ޕެސިފިކް ޤައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 500 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި އެވޯޑް ބީއެމްއެލްއަށް ދިނުމުގައި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ގެންގުޅޭ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތައް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށްޓަކައި ކޮންމެ މަހަކުވެސް ތާވަލްކޮށްގެން ބީއެމްއެލުން ދަނީ ތަމްރީން ދެމުންނެވެ. އަދި މަސައްކަތްކުރާ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހިންގަމުންދާ 'ކިޔަވަމާ' ޕްރޮގްރާމާއި ދާދި ފަހުން ބޭންކިންގ ދާއިރާގެ އިތުރު އިލްމާއި ހުނަރު ބޭނުންވާ ބޭންކުގެ މުވައްޒަފުންނަށާއި އަމިއްލަ ފަރާތްތަކަށް ތަޢާރަފްކުރި 'ބީއެމްއެލް ރިވެލި' ޕްރޮގްރާމް ފާހަގަކުރެވެއެވެ.

ބީއެމްއެލް އިން ދަނީ މުވައްޒަފުން ބިނާކުރުމަށާއި ކުރިއަށްދާނެ ރަނގަޅު ދާއިރާއެއް ހޯދުމަށް ބޭނުންވާ ތަމްރީނާއި އެކަމަށް އެކަށޭނެ ވަޒީފާގެ މާހައުލެއް ޤާއިމްކޮށްދެމުންނެވެ. އަދި މީގެ އިތުރުން އަލަށް ގްރެޖުއޭޓްވާ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ބީއެމްއެލް ގްރެޖުއޭޓް އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ އަހަރު ބޭންކުން ކުރިއަށް ގެންދަމުންދަނީ ކާމިޔާބުކަމާއެކުގައެވެ.

މި އެވޯޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަޙީދު ވިދާޅުވީ މި އެވޯޑް ބީއެމްއެލްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އެވޯޑުން ދައްކުވައިދެނީ މުވައްޒަފުން ކުރިއެރުވުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ތަމްރީނުދީ މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތައް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުންޏެކެވެ. މުވައްޒަފުންގެ ކަންކަމުގައި ބޭންކުން ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުންބިނާކުރުމުގައި ގެންގުޅޭ އުސޫލުތަކާ ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ދޭ ޝަރުފުވެރި އެވޯޑް " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސް އިންވަނީ ޖެހިޖެހިގެން ދެ އަހަރު ހޯދާފައެވެ.