ޚަބަރު

ގއ. ވިލިނގިލީގެ ހަރުގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު މަރުވެފައޮތް މީހަކު ފެނިއްޖެ


ގއ. ވިލިނގިލީގެ ހަރުގެއެއްގެ ތެރޭގައި ޒަޚަމްތަކާއެކު މަރުވެފައޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ 39 އަހަރުގެ ފިރިހެނަކު ވިލިނގިލީގެ އުތުރުފަރާތުގައި ހުރި ހަރުގެއްގެތެރޭގައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު ހަތެއްޖެހިއިރު، އެސަރަހައްދު ޕްޓްރޯލްކުރަމުންދިޔަ ފުލުހުންނަށް ކަމަށެވެ.

ފުލުހުން ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުން މައުލޫމާތުދީފައިވާކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށާއި، މިހާތަނަށް ބެލި ބެލުމުން އޭނާގެ ހަށިގަނޑުން ފިހިފައިވާކަމުގެ ނިޝާންތަކެއްވެސް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެޒަޚަމްތަކަކީ ތޫނުއެއްޗަކުން ދީފައިވާ ޒަޚަމްތަކެއްކަމަށް ނުބެލޭވޭކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެން މީހާއަކީ ވިލިނގިލީގެ މީހަކާއި އިނދެގެން އެރަށުގައި ދިރިއުޅޭ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މީހެކެވެ.

މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއެވެ.