ކުޅިވަރު

ދިރާގު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިމަހުގެ 25 ވަނަ ދުވަހު ފަށަނީ


40 ޓީމާއިއެކު ދިރާގު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

25ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 15އަހަރުން ދަށުގެ އުމުރުފުރާއިންނެވެ. މުބާރާތް ކުރިއަށްދާނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ.

13 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވި 18 ޓީމްވަނީ 4 ގުރޫޕްއަކަށް ބަހާލާފައެވެ. 15 އަހަރުންދަށުގެ އުމުރުފުރާގެ 16 ޓީމް ވަނީ 4 ގުރޫޕްއަކަށް ބަހާލާފައެވެ. 18 އަހަރުން ދަށުގެ އުމުރުފުރާގައި 6 ޓީމް ބައިވެރިވެފައިވާއިރު، މިއުމުރުފުރާގެ ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މިއަހަރުގެ މުބާރާތުގައި 40 ޓީމް ބައިވެރިވެފައިވާއިރު މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 37 ޓީމެވެ.

13 އަހަރުން ދަށުގެ އުމުރުފުރާގައި މިދިޔަ އަހަރު ބައިވެރިވެފައިވަނީ 16 ޓީމެވެ. މިއަހަރު ބައިވެރިވެފައިވަނީ 18 ޓީމެވެ. 15 އަހަރުން ދަށުގެ އުމުރުފުރާގައި މިދިޔަ އަހަރު ބައިވެރިވެފައިވަނީ 17 ޓީމެވެ. މިއަހަރު ބައިވެރިވެފައިވަނީ 16 ޓީމް އަދި 18 އަހަރުން ދަށުގެ އުމުރުފުރާގައި މިދިޔަ އަހަރު 4 ޓީމް ބައިވެރިވެފައިވާއިރު މިއަހަރު ބައިވެރިވެފައިވަނީ 6 ޓީމެވެ.

އެފްއޭއެމްއިން ބުނީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތަކީ އުމުރުފުރާތަކުގެ ކުދިންނަށް، އެކުދިންގެ ހުނަރު ދައްކާލުމަށް ބައްވާ މުބާރާތެއްކަމަށާއި މިކަމުގެ ސަބަބުން އެކުވެރިކަން ސްކޫލްތަކުގެ މެދުގައި ބަދަހިވާނެކަމަށެވެ. އަދި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ގައުމީ ޓީމްއަށް ކުދިން ނެގުމަށްވެސް އިންޓަރ ސްކޫލް މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއްކަމަށެވެ.