ސްކޫލްތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މަހާސިންތާ ނިންމާލައިފިއެވެ.
"މަދަރުސީ އިސްވާރުކަން - ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން" މިޝިޢާރުގެ ދަށުން ފެށި ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2019ގައި ވަނީ ސްކޫލްތައް ހިންގުމުގައި އިސްވެރިންނަށް ދިމާވާ މައްސަލަތަކާއި ދަތިތަކުގެ މައްޗަށް މަޝްވަރާކޮށްފައެވެ.
ޕްރިންސްޕަލުން ފާޅުކުރެއްވި ކަންބޮޑުވުންތަކުގެތެރޭގައި މުސާރައިގެ އޮނިގަނޑާއި ވަސީލަތްތަކާއި ހުރިހާ ސްކޫލެއް ހަމަހަމަކުރުންމުގެ މައްޗަށް އަލިއަލުވާލައްވާފައިވެއެވެ. މި މަހާސިންތާގެ ފުރަތަމަ ދުވަހުގެ ސެޝަންގައިވަނީ މެލޭޝިއާގެ ޕްރޮފެސަރަކު، "ކީނޯޓް"ގެ ގޮތުގައި ވާހަކަފުޅު ދައްކަވާފައިވާއިރު މިމަހާސިންތާގެ ފަހު ދުވަހު ވަނީ ތަޢުލީމީ ދާއިރާގެ ރާއްޖޭގެ ތަޖުރިބާކާރަކު ވާހަކަފުޅުދައްކަވާފައެވެ.
"ކީނޯޓު"ގެ ގޮތުގައި އިއްޔެގެ ދެއްކެވި ވާހަކަފުޅުގައި 21ވަނަ ޤަރުނުގައި ދަރިވަރުނަށް ކިޔަވައިދޭނެ ގޮތްތަކާއި ޓެކްނޮލަޖީ ބޭނުންކޮށްގެން ސްކޫލްތައް ހިންގިދާނެ ގޮތްތަކުގެމައްޗަށް އަލިއަޅުވާލާފައިވެއެވެ.
މިއަދު ވަނީ ސްކޫލްތަކުގައި ލީޑަރޝިޕް ހަރުދަނާ ކުރުމަށްޓަކައި ޕޮލިސީތަކަށް އަމަލުކުރުމުގެ މުހިއްމުކަމާއި ޕޮލިސީ ތައް ރަނގަޅުކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިމަހާސިންތާއާބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނެޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ މިސެޝަންތަކުގައި ވަނީ، ވަށައިޖެހޭ ތަޢުލީމް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ޕްރިންސްޕަލުންގެ ދައުރާއި ކަރިކިއުލަމް ތަންފީޒް ކުރުމުގައި ދިމާވާ ދަތިތަކާއި މިނޫންވެސް މުހިއްމުކަންކަމާމެދު މަޝްވަރާކޮށްފައިކަމަށެވެ. ޝަހުދާ ވިދާޅުވީ މިމަހާސިންތާގައި މިހާރު އެކުލަވާލާފައިވާ މުހިއްމު 20 ޕޮލިސީއަކަށް ވަރަށް ފުޅާދާއިރާގައި މަޝްވަރާކޮށް ދިރާސާކޮށްފައިވާކަމަށެވެ.
މި މަހާސިންތާގައި ވަނީ ތަޢުލީމީދާއިރާގައި ހަދާފައިވާ ޕޮލިސީތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރުމާއި ގެންނަންޖެހޭ ބަދަލުތަކާމެދުވެސް މަޝްވަރާކޮށްފައެވެ. އަދި ތަޢުލީމީ ދާއިރާގެ ކުރިއަށްއޮތް ފަސް އަހަރުދުވަހުގެ ޕްލޭނިންނާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.
ދެދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ސަރުކާރުގެ 213 ސްކޫލަކުން 250 އިސްވެރިން ބައިވެރިވެފައިވެއެވެ. ކުރިއަށް އޮތްތާގައިވެސް ސްކޫލުތަކުގެ އިސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ އިތުރު މަހާސިންތާތަކެއް ބޭއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްތްރީން ވިދާޅުވެއެވެ.