ޚަބަރު

ސިންގަޕޫރުގައި ހުންނަވާ ސަފީރަކަށް ޑރ. މައުސޫމް އައްޔަންކުރައްވަައިފި


ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް އައްޔަނު ކުރައްވައިފިއެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޢައްޔަނުކުރެއްވި ޑރ.މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. މަޢުޞޫމް ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރ ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަންވެސް ޑރ. ޢަބްދުﷲ މަޢުޞޫމް އަދާކުރައްވާފައިވެއެވެ.

ޑރ. މަޢުޞޫމް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމެވެ.