ޚަބަރު

ކޯޓުތަކުގައި މައްސަލަތައް ލަސްވުމަކީ ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ ބޮޑު ގެއްލުމެއް - ރައީސް


ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެން ދިޔުމަކީ، ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ލިބޭ، ބޮޑު ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ޤަޟާއީ އަހަރު 2019 އިފްތިތަޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤަޟާއީ އަހަރު 2019 އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޝަރުޢީދާއިރާއަކީ މިނިވަން އިންސާފުވެރި ދާއިރާއެއްގެ ގޮތުގައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ރައިސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ޚާއްސަ އިސްކަމެއްދެއްވަނީ ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ ޙައްޤުތައް އަނބުރައި ހޯދައިދިނުމަށްކަމަށެވެ. މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައި، ކޮންމެ ފަނޑިޔާރެއްގެވެސް އެންމެ އިސް އަމާޒަކަށް ހައްދަވަންވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެންދާކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާއިރު އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ތަރައްޤީއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ވިޔަފާރިއާއި ބޭންކުގެ މުޢާމަލާތްތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، ފަނޑިޔާރުގޭގައި ތާށިވެފައި އޮންނަ ކޮންމެ ދުވަހަކީ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ ވިޔަފާރިވެރިން، ރާއްޖެއާ ދުރަށް ޖައްސާނެ ދުވަހެއް" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމާ ބެހޭ ގޮތުން، ޔޫ.އެން.ޑީ.ޕީ ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކުން ހަދާފައިވާ ސާރވޭތަކުންވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ކޯޓުތަކަށް ނުގޮސް މައްސަލަތައް ޙައްލުކުރަން ބޭނުންވެފައިވާކަން ހާމަވާކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުން އެފަދަގޮތަކަށް ބޭނުންވަނީ ކޯޓުތަކަށް އިތުބާރު ނުކުރެވުމާއި، އިންޞާފު ލިބޭނެކަމުގެ އިތުބާރު ނެތި، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ ފަނޑިޔާރުގެ އިޞްލާޙްކޮށް، އިންޞާފުގެމަގަށް ޝަރީޢަތް ކުރެވޭނެމަގު ފަހިކުރެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މުހިއްމު މަސައްކަތް ކާމިޔާބުވާނެކަމަށާ އެކަން ކުރައްވާނީ ޤާނޫނީ އިމުގެ ތެރެއިން، ޝަރުޢީދާއިރާގެ ލަފަޔާއި މަޝްވަރާވެސް ހޯއްދަވައިގެންކަމަށެވެ.

"މިވެއަތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި، ޝަރުޢީ ނިޒާމުގެ ތެރޭގައި ކަންހިނގާފައިވާ ގޮތް، އަޅުގަނޑަށް ވުރެ މާ ރަނގަޅަށް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާދަމާ ފެށޭ ޖުޑީޝަލް ކޮންފަރެންސްގައިވެސް، މިނިވަން ފަނޑިޔާރުގެއެއް ހިންގާނެ ގޮތާއި، ފަނޑިޔާރުގެ އިޞްލާޙްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ތާވަލުކުރައްވާފައިވަނީ ވެސް، ރައްޔިތުންގެ އިތުބާރު އަލުން ހޯއްދަވަންޖެހޭ ކަން ޤަބޫލުކުރެއްވޭތީ ކަން އަޅުގަނޑަށް ޔަޤީން." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލީހް ވިދާޅުވީ މިފެށުނު ޤަޟާއީ އަހަރުގެ ތެރޭގައިވެސް، ކޯޓުތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރައްޔިތުންގެ އިތުބާރު ހޯދުމަށްކަމަށްވާއިރު، ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވާނީ، ފަނޑިޔާރުގެއިން ކަންކަން ނިންމާނީ، އިންޞާފުވެރިކަމާ އެކުގައި ކަމުގެ ޔަޤީންކަން ލިބުންކަމަށެވެ.