ޚަބަރު

ރާއްޖޭގެ ހުރިހާ ކޯޓުތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލަނީ


ރާއްޖޭގެ ހުރިހާ ކޯޓުތައް ކުރިއަށްއޮތް ހަތަރު މަހެއްހައި ދުވަހުގެތެރޭގައި ރައްކާތެރި އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލެވޭނެކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރު ޝަރުޢީ ދާއިރާގެ މަސައްކަތް ހިނގައިދިޔަ ގޮތާއި ޙާސިލުކުރެވުނު މައިގަނޑު ކާމިޔާބީތަކާއި ކުރިއެރުންތައް ވަޒަންކޮށް ކުރިއަށް އޮތް އަހަރަށް ކުރަން ރޭވިފައިވާ ކަންތައްތައް ޙިއްސާކޮށް އިޙްތިފާލުކުރުމުގެ މަޤްސަދުގައި ބޭއްވި "ޤަޟާއީ އައު އަހަރު އިފްތިތާޙްކޮށްދެއްވީ ދައުލަތުގެ ތިންބާރުގެ ތެރެއިން ވެރިކަންހިންގުމުގެ ބާރުގެ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދިއުމާއެކު، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ޝަރުޢީ ދާއިރާއިން ފަށައިގެން ކުރިއަށްގެންދާކަމަށެވެ.

އެގޮތުން 2016ވަނަ އަހަރު ރާއްޖޭގެ ކޯޓުތައް ރައްކާތެރި އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލުމަށްފެށި މަޝްރޫޢުގެދަށުން މިހާތަނަށް 101 ކޯޓެއްގައި ޝަރުޢީ ދާއިރާގެ ކޭސް މެނޭޖްމަންޓް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއައްދާކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިވިއުގާއިގެ ތެރެއިން މިހާތަނަށް ގުޅިފައިނުވަނީ 96 ކޯޓުކަމަށާއި އެކޯޓުތައް ވަރަށް އަވަހަށް ރައްކާތެރި އިލެކްޓްރޯނިކް ވިއުގައަކުން ގުޅާލެވޭނެކަމަށެވެ.

މިރަސްމިއްޔާތުގައިވަނީ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ 22ފަނޑިޔާރުން ތަކްރީމް ކުރައްވާފައެވެ. އެގޮތުން 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވި ފަނޑިޔާރުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށްވަނީ ޝަރަފުގެ މެޑައްޔާއި، މުގުރާއި، ފަތްކޮޅުވަނީ އެފަރާތްތްތަކަށް އަރުވާފައެވެ. އެފަރާތްތައް ތަކްރީމްކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ އެވެ.
މީގެއިތުރުން މިރަސްމިއްޔާތުގައިވަނީ ޝަރުޢީ ދާއިރާގެ 2018 ވަނަ އަހަރުގެ ކާމިޔާބީތަކާއި މިހިނގާ 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހުށައަޅައި، 2019 އިން 2023 އަށް އެކަށައަޅާފައިވާ ޝަރުޢީދާއިރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންވެސް އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.