ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލަ ރައީސް ޔާމީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ 23 ސެޕްޓެމްބަރުގައި ނެގި ވޯޓާއެކުވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މިރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ގެއްލިއްޖެކަން. އެހެން ނަމަވެސް އިއްޔެއާ ހަމައަށް ހުރި ހުރުން ސާބިތުކޮށްދެނީ އެމަނިކުފާނަކީ ހެކި ފޮރުވަން މަސައްކަތްކުރާނެ ބޭފުޅެއް ނޫންކަން." އަބްދުއްރަޙީމް ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެންކަމަށް ޕްރޮއސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.
އެ އޮފީހުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔާމީންގެ މައްޗަށް ކުރިމިނަލްކޯޓަށް ހުށައަޅާފައިވާ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެކަމަށެވެ. އަދި އެ ޝަރީއަތް ކުރިއަށްދާނީ އާއްމުކޮށް ހުޅުވައިލައިގެން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އިއްޔެވަނީ އަމުރުކުކޮށްފައެވެ. މި އަމުރާއެކު އިއްޔެ ހަވީރުގެ ވަގުތެއްގައި ޔާމީންވަނީ މަފުށީ ޖަލަށް ބަދަލުކޮށްފައެވެ.