ޚަބަރު

ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި


ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ ފަނޑިޔާރުންގެ މަހާސިންތާ ފަށައިފިއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދެދުވަހުގެ މި މަހާސިންތާ ފަށާގައިވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ.

މިމަހާސިންތާގައި މިއަދުވަނީ ސުއްޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެކަމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއެކުވެސް މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް ޑީ.ޖޭ.އޭ އިން މައުލޫމާތުދެއްވައެވެ.

ޝަރުޢީ ދާއިރާއަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ ބަޖެޓުން، ޝަރުއީ ދާއިރާގެ ގިނަ ކަންކަން ހަމަޖެއްސުމަށް ކުރިމަތިވާ ދަތިތަކާއި، ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމު ގިނަ ކޯޓުތަކުގަ ހަމަޖައްސަން ކުރަންޖެހިފައިވާ މަސައްކަތްކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މިމަހާސިންތާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ޑީޖޭއޭ އިން މައުލޫމާތުދެއެވެ.

ފަނޑިޔާރުންގެ މަހާސިންތާ ކުރިއަށްދާނީ މިއަދާއި ހޮނިހިރު ދުވަހުކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ. މިއީ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވާ ކޮންފަރެންސެކެވެ.