ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުގެ އެއްބަސްވުމެއްގައި އެމެރިކާއާ އެކު ސޮއިކޮށްފި


ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރާއްކާތެރިކަމާއިގުޅޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރ އޮން ކައުންޓަރ ޓެރަރިޒަމް، އެލީނާ ރޮމޮނޮސްކީއެވެ.

މިއީ ރާއްޖޭގެ ޤާނޫނުތަންފީޒްކުރާ އިދާރާތަކުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމާއި، ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުމީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރައް ފުޅާކުރުމުގެ މަޤްސަދުގައި ޤާއިމްކުރެވުނު އެއްބަސްވުމެކެވެ.
މިއެއްބަސްވުމުގެ ދަށުން ތަންފީޒީ އިދާރާތަކަށް ބޭނުންވާ މުހިއްމު ތަމްރީނުތައް ދިނުމާއި، ގޮވާ ޒާތުގެ ތަކެތި ދެނެގަންނަ ޑޯގް ސޮކެޑެއްގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ އެޑްވައިޒަރެއް ވެލާނާ އިންޓަރަނޭޝަނަލް އެއަރޕޯޓުގައި ބެހެއްޓުމައްވަނީ ހަމަޖެހިފައެވެ.

މިކަމައްޓަކައި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ، ޓެރަރިޒަމަކީ ބައިނަލްއަޤްވާމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ޓެރަރިޒަމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމުތަކުން އިސްނަގައިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޝާހިދުވަނީ މިފަދަ ކަންކަމުގައި އެމެރިކާއިން ދެއްވާ އެހީތެރިކަމާއެއްބާރުލެއްވުން ފާހަގަކުރައްވައި އެޤައުމަށް ޝުކުރުއަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރ އޮން ކައުންޓަރ ޓެރަރިޒަމް، އެލީނާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުމުގައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަންކަން ތަންފީޒުކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ.