ޚަބަރު

ފީފާއިން ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޕޮއިންޓް އުނިކޮށްފި


ފީފާއިން ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޕޮއިންޓް އުނިކޮށްފިއެވެ.

ފީފާއިން މިކަން އެފްއޭއެމްއަށް އަންގާފައިވަނީ 2016ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް ކުޅެފައިވާ ޖަޕާންގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯއަށް މުސާރަ ނުދީ އޮތުމުގެ ސަބަބުން އެމައްސަލަ އަޓްސުޝީ ޝިމޯނޯ އެ މައްސަލަ ފީފާއަށް ހުށައެޅުމުންނެވެ.

ފީފާއިން އެމްއޭއެމްއަށް އަންގާފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބްއަތުން ތިން ޕޮއިންޓް އުނިކުރުމަށެވެ. އެފްއޭއެމްއިންވަނީ ވިކްޓްރީގެ ޕޮއިންޓް އުނިކޮށް، އެކަން ވިކްޓްރީއަށްވެސް އަންގާފައެވެ. ލީގް ނިމިފައި އޮތުމުން ވިކްޓްރީގެ ޕޮއިންޓް އުނިކުރިނަމަވެސް މާބޮޑު ބަދަލެއް އައިސްފައިނުވެއެވެ.

މިދިޔަ އަހަރު ވިކްޓްރީން ލީގް ނިންމާލާފައިވަނީ ތާވަލްގެ 8 ވަނާގައި އޮވެގެންނެވެ. އެއީ 16 މެޗުން އެޓީމްއަށް ލިބުނު 10 ޕޮއިންޓްއާއެކުއެވެ. ތާވަލްގެ 9 ވަނާގައި އޮތް ބ.ފެހެންދޫއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ފީފާގެ އެންގުމަށް ވިކްޓްރީން ޕޮއިންޓް އުނިކުރިނަމަވެސް ތާވަލްގައި ވިކްޓްރީ އޮތް މަގާމްއަށް ބަދަލް އައިސްފައިނުވެއެވެ.

ވިކްޓްރީގެ ޕޮއިންޓް އުނިކޮށްފައިވާއިރު ދާދި ފަހުން ވިކްޓްރީ ސްޕޯޓްސް ކުލަބްއިންވަނީ އެފްއޭއެމްގެ ލީޑަރޝިޕް ބަދަލް ކުރުމަށް މަސައްކަތްކޮށްފައެވެ. މިހާރު ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޗެއަމަން އިބްރާހިމް ނާޝިދު (ނާޝް) އެކުލަބްއާއި ހަވާލްވުމަށްފަހު ވިދާޅިވެފައިވަނީ އެކުލަބްވަނީ 1.5 މިލިއަން ރުފިޔާއަށް ދަރަނިވެރި ވެފައި ކަމަށާއި، އެއީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަކަމަށެވެ.

ފީފާއިން ވިކްޓްރީގެ ޕޮއިންޓް އުނިކޮށްފައިވާއިރު، ވިކްޓަރީ އަށް ކުޅުނު ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒް ވެސް ވަނީ އޭނާއަށް ދޭންޖެހޭ މުސާރަ ހޯދަން ވިކްޓްރީގެ މައްސަލަ ފީފާ އަށް ހުށަހަޅާފައެވެ. އެންހެލްގެ އިތުރުން އެޓީމްއަށް ކުޅުނު ސްޕެއިނުގެ ޑިފެންޑަރު ޔަކީން ގާސި އާއި ތަޖިކިސްތާނުގެ ޑިފެންޑަރު ޗަކަލޯވް ފިރްދައުސް އާއި ޑެންމާކްގެ މިޑްފީލްޑަރު ކިމް އެލްގާޑްވެސް ވަނީ ވިކްޓަރީއާއި ދެކޮޅަށް ފީފާގައި މައްސަލަ ޖައްސާފައެވެ.