ޚަބަރު

ވެށި ސާފުތާހިރުކަންމަތީ ބޭއްވުމަކީ ފަރުދީ ޒިންމާއެއް - ކަސްޓަމްސް


ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި، ދިރިއުޅޭ މާޙައުލު ސާފުތާހިރުކަންމަތީ ދެމެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެޒިންމާ ފުރިހަމައަށް އަދާ ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގޮވާލައްވައިފިއެވެ.

ކަސްޓަމްސް ސަރވިސްއިން މިގޮތަށް އިލްތިމާސް ކުރެއްވީ "ތިމާވެއްޓާއި ރައްޓެހި ކަސްޓަމްސް" މި ޝިއާރުގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ހުއްޓުވުމަށާއި އެފަދަ ކަންކަން މަދުކުރުމުގެ ގޮތުން މާލޭގެ އުތުރު ފަރާތުގައިވާ ބަނދަރު ސަރަޙައްދު ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

މިހަރަކާތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއަށް ދެއްވަމުން ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އިބްރާހީމް މަފާޒް ވިދާޅުވީ، ތިމާވެއްޓަށް ގެންލުން ލިބެމުންދާ ކަންކަން މަދުކޮށް ހުއްޓުވުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ބައެއް ސަރަޙައްދުތަކުގެ އެއްގަމާއި ފަޅުތެރެ ސާފު ކުރުމާއި ގަސް އިންދުމާއި ސިންގަލް ޔޫސް ޕްލާސްޓިކް ނައްތާލުންފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި ތިން މަސް ދުވަހުގެ ތެރޭގައި ކަސްޓަމްސް ސަރވިސް އިން ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޖުމްލަ 24 ޕްރޮޖެކްޓެއް ހިމެނޭ ކަމަށާއި އެހުރިހައި ކަންތައްތައްވެސް ތިން މަސްދުވަހުގެތެރޭ ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި ކަމަކީ ވަރަށް ފައިދާހުރި މުހިންމު ކަމަކަށް ވާތީ ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ކަންކަން ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ މަގުސަދަކީ ތިމާވެއްޓާއި ރައްޓެހި ކަސްޓަމްސް މިއީ މި ޝިއާރަކީ. ތިމާވެއްޓަށް ގެއްލުން ލިބެން ހުރި ކަންތައްތަކެއް ހުއްޓުވާ މަދުކޮށް ކަންތައް މި ކުރަނީ." މަފާޒް ވިދާޅުވިއެވެ.

މިހަރަކާތުގައި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތުގައި ޑައިވަރެއްގެ ގޮތުގައި ޙަރަކާތްތެރިވި ކަސްޓަމްސް ރެކްރިއޭޝަން ކްލަބްގެ ނާއިބް ރައީސް އަޙްމަދު ހުމައިރު ވިދާޅުވީ ފަޅުތެރެއިން މިއަދު ސާފުކުރި ސަރަޙައްދުންވެސް މުޅިންވެސް ނެގިފައިވަނީ ޢާންމުންގެ އިހުމާލުން ފަޅުތެރެއަށް އަޅާފައިވާ ތަކެތި ކަމަށާއި އެއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ތިމާވެށި ރައްކާތެރި ކުރުމާއި ހުރިހައި ތަނެއް ސާފުތާހިރުކަންމަތީ ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެ ޒިންމާ ފުރިހަމައަށް އަދާ ކުރަން ޖެހޭ ކަމަށާ، އެހެން ނޫނީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ދެމެހެއްޓުމަކީ ކޮންމެ އަމިއްލަ މީހެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން. އެ ޒިންމާ އަދާކޮށް އެކަންކަން ނުކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސް ކުރަން." ހުމައިރު ވިދާޅުވިއެވެ.

މޯލްސްޑިވްސް ކަސްޓަމްސް ސަރވިސް އާއި އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އެމްޕީއެލްގެ މުވައްޒަފުން ގުޅިގެން މާލޭގެ އުތުރު ފަރާތުގައިވާ ބަނދަރު ސަރަހައްދާއި އެސަރަހައްދުގެ ފަޅުތެރެ ސާފުކުރުމަށް މާދަމާ ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.