ޚަބަރު

މެލޭޝިއާގައި އުޅޭ ދިވެހިންގެ ކަންކަން ހައްލުކޮށްދިނުމަށް އެޤައުމު އޮތީ ތައްޔާރަށް - މައުމޫން


މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރަން މެލޭޝިއާ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ.މަހާތީރު ބިން މުޙައްމަދުގެ ދައުވަތަކަށް އެޤައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މި ދަތުރުފުޅުގައި ރައީސް މައުމޫން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޓީ ފުޅެއް ޑރ.މަހާތީރަށް އަރުވާފައެވެ. އެ ސިޓީފުޅާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެއީ މަހާތީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދެއްވި ދައުވަތެއް ކަމަށާއި، އެ ދައުވަތު ގަބޫލު ކުރައްވާ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މެލޭޝިއާގައި ތިބުމުގައި ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް ރައީސް ޞާލިޙްގެ ފަރާތްޕުޅުން މަހާތީރަށް ދެންނެވި ކަމަށާއި އެއާއެކު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށްގެން އެފަދަ މައްސަލަތައް ހައްލު ކުރުމަށް މަހާތީރު ދެންނެވި ކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ދެކެވުނު ވާހަކަފުޅުގެ ތެރެއިން މެލޭޝިއާއަށް ދިމާވިފަދަ ކަންތައްތަކެއް ރާއްޖެއަށް ވެސް ކުރިމަތިވި ވާހަކަ ދެންނެވި ކަމަށާއި، އެއާއެކު ހަމަ އެކަނި ތަފާތަކީ ދެ ޤައުމުގެ ސައިޒު ތަފާތުވުން އެކަނި ކަމުގައި މަހާތީރު ދެންނެވި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.